އަތޮޅުތައް

ކެލާގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ތިލަދުންމަތީ އުތުރުބުރީ ކެލާ ގައި 21 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެންވަޔަރމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް އިފްތިތާހްކޮށްދެއްވައިފިއެވެ.ކެލާގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލުކޮށްގެންނެވެ. މިއީ 54 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓެކެވެ.މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހީމް ވިދާޅުވީ، ކެލާއަކީ މިހާރުން މިހާރަށްވެސް ނަރުދަމާ ނިޒާމެއް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއްކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ބޭނުންވާ މި އަސާސީ ޚިދުމަތް ފޯރިކޮށްދެއްވުމަށް ސަރުކާރުން ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށާއި، އެގޮތުން ކެލާ ނަރުދަމާ ނިޒާމު ގެ މަސައްކަތް އަންނަ އަހަރު މެދުތެރޭ ނިންމާނެކަމަށެވެ.މީގެ އިތުރުން ކެލާއަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ސާފް ފެންފޯރުކޮށްދިނުމައްޓަކައި މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓްގެ މަސަކަތް ޑިޒައިންކުރުމުގެ މަސައްކަތް ފަށާފައިވާއިރު ފެނުގެ ނިޒާމް ގާއިމް ކުރުމަށް މިއަހަރު ފަހުކޮޅު ބަޔަކާއި ހަވާލުކުރައްވާނެކަމަށް މިނިސްޓަރް ތޯރިގް ވިދާޅުވިއެވެ. އަދި ބަޖެޓް ކުރެވިފައިވާކަމައެއްނަމަ ވީހާވެސް އަވަހަށް އެމަސައްކަތެއް ފެއްޓުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "ހަމައެކަނި ނިޒާމްގެ މަސައްކަތް ބަޖެޓްގައި ޖެހިފައި އޮތީނޫން، މިސަރުކާރުން ބަޖެޓްގައި ޖަހައި އެބަލަހައްޓައިގެން ތިބޭ ސަރުކާރެއްނޫން މީކީ. ފެނުގެ ނިޒާމްގެ މަސައްކަތްވެސް ގާތްގަނަޑަކަށް ނަރުދަމާ ނިޒާމްގެ މަސައްކަތާއި އެކު އެކީގައި ނިންމާލެވޭނެކަމަށް ގަބޫލުކުރަން" މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމްގެ އިތުރުން، ހއ، ހދ، އަދި ށ. އަތޮޅުގެ ރައްތަކުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމައްޓަކައި ކުރިޔަށްގެންދާ ސަރަހައްދީ ފެންވަރުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.މީގެ އިތުރުން މާލެ އާއި އަތޮޅުތަށް ހިމެނޭ ގޮތަށް ކުނި މެނޭކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ ކުރައްވަމުންގެންދަވާކަންވެސް މިނިސްޓަރ ތޯރިގް ހާމަކުރެއްވިއެވެ.މިހާރުވެސް 10 ރަށެއްގެ ފެނާއި، ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާއިރު، އެމަސައްކަތް ވަރަށް ހަލުއި ކަމާއިއެކު ކުރިއަށްދާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.ސަރުކާރުން ކުރިޔަށްގެންދާ ފެނާއި ނަރުދަމާގެ ގިނަ ޕްރޮޖެކްޓްތަށް ކުރިއަށްގެންދަވާ، އެމްޑަބްލިއުއެސްސީގެ  މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓްތަށް ކުރިއަށްގެންދާކަމަށާއި، މަސައްކަތް ކުރައްވަނީ ވީހާވެސް އަވަހަށް ރަށްރަށުގެ މަސަކަތް ނިންމުމަށްކަމަށެވެ. "މިއީ ޝއޑިއުލް ކުރެވިފައިވާ ވަރު، އެހެން ނަމަވެސް އަޅުގަނޑުމެންގެ ޓިމުން އަބަދުވެސް މަސައްކަތްކުރަނީ ތިބޭފުޅުނަނަށް މި ފުރިހަމަ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމައްޓަކައި" އެމްޑަބްލިއުއެސްސީގެ  މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.ފަޒުލް ވިދާޅުވީ، އެކުންފުނިން ކުރިއަށްގެންދާ ޕްރޮޖެޓްތަކުގެ ތެރޭއިން އެއް ޕްރޮޖްކްޓް އެންވަޔަމަންޓް މިނިސްޓްރީއާ މިހާރު ހަވާލުކޮށްފައިވާއިރު، ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު 4 ޕްރޮޖެކްޓް ނިންމައި ހަވާލުކުރެވޭނެކަމަށެވެ.މިރަސްމިއްޔާތުގައި ކެލާދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކެލާގެ ތަރައްގީއަށް ގިނަމަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ."ދުވަހަކުވެސް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށަކަށް ނާންނަހާ ގިނަ ތަރައްގީ މިރަށަށް ގެނެސްދެއްވައިފި. އަދި 20 މަސްދުވަސް ރައީސް ޔާމީންގެ ވެރިކަމަށްވީ، ކެލާގެ އެކި ކަންކަމަށް ބަލާލާއިރު، ސަރުކާރުންކޮށްދެއްވާ ޚިދުމަތްތައް އަޅުގަނޑު ފާހަގަކުރަން" ކެލާދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވިއެވެ.އެންވަޔަރމަންޓް މިނިސްޓްރީއާއި އެމް.ޑަބްލިއު އެސް.ސީއަށް ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކެލާގައި ފެނާއި ނަރުދަމާގެ ނިޒާމްގާއިމް ކުރެވިގެންދިއުމަކީ، ގެސްޓް ހައުސް ވިޔަފާރި އާއި އެހެނިހެން މަސައްކަތްފެށި އުމްރާނީ ގޮތުން ގިނަ ކުރިއެރުންތަކެއް ރަށަށް ލިބިގެންދާނެކަމެއްކަމަށް، ކެލާ ކައުންސިލުން ވިދާޅުވެއެވެ.