ތަޢުލީމު

ވެރިން ބަދަލުވިޔަސް، ޔުނިވަރސިޓީ އުފެއްދި މަޤުސަދު ބަދަލެއް ނުވޭ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ޔުނިވަރސިޓީ އުފައްދާފައިވާ މަޤުސަދަށް ބަދަލެއް ނާންނަކަމަށް ޤައުމީ ޔުނިވަރސިޓީގެ އާ ޗާންސެލަރ ޑރ. މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޗާންސެލަރ ޑރ. މުހައްމަދު ލަތީފް ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީއަކީ ޢިލްމު ކުރިއަރުވަން މަސައްކަތްކުރާ މަރުކަޒެއްކަމަށާއި، އެތަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަޤިއްލު ތަނަކަށް ހައްދަވާނެކަމަށެވެ. އަދި ޔުނިވަރސިޓީ އުފައްދާފައި ވަނީ ވަރަށް މުހިއްމު ޤައުމީ މަޤުސަދުތަކެއްގައިކަމަށާއި، ދިވެހިޤައުމުގެ މިނިވަންކަމާއި، މާތްވެގެންވާ އިސްލާމްދީނާއިއެކު ތަރައްޤީގެ ދުވެލީގައި ރާއްޖެ ބާރަށް ކުރިއަށް ގެންދިޔުމަކީ އެ ޔުނިވަރސިޓީގެ އެންމެ މަތީ އަމާޒުކަމަށް ޗާންސެލަރ ވިދާޅުވިއެވެ. ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް ގެނެސްފައިވާ ބަދަލާއެކު، ކުރިން މިނިސްޓަރ އައްޔަނުކުރައްވާ އަށް މަޤާމަކާއި، އެމް.އެން.ޔޫ ކައުންސިލުން އައްޔަނުކުރައްވާ ތިން މަޤާމެއް މިހާރު އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޔުނިވަރސިޓީއަށް ޑެޕިއުޓީ ޗާންސެލަރުންވެސް އައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. "ޔުނިވަރސިޓީގެ ޤާނޫނަށް ބަދަލުތަކެއް އައިސްފައިވީނަމަވެސް، އެތަން އުފައްދާފައިވާ މަޤްސަދަށް އެއްވެސް ބަދަލެއް ނާދޭ. އަދި މިހާރު ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއެކު، އެތަން ސިޔާސީވުމުގެ ބަދަލުގައި ޢިލްމީ ޤާބިލު ބޭފުޅުން އިސް މަޤާމްތަކަށް އައްޔަނުކުރެއްވުމަށް ބާރުއެޅިގެންދާނެ. ސިޔާސީގޮތުން އޮންނަ ނުފޫޒުތައް ކުޑަވެގެންދާނެ." ޑރ. ލަތީފް ވިދާޅުވިއެވެ.ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ވިދާޅުވީ، ޔުނިވަރސިޓީގެ މައިގަނޑު މަޤްސަދަކީ ޢިލްމު އުފައްދާ، ޢިލްމީ އެކިއެކި ދިރާސާތައްކޮށް، ޤައުމީ ތަރައްޤީއަށް މަސައްކަތްކުރާތަނަކަށް އެތަން ހެދުންކަމަށެވެ. އަދި ޔުނިވަރސިޓީގެ ޤާނޫނަށް ބަދަލުއައިސްފައިވާއިރު، އެ ބަދަލު ގެނެސްފައިވަނީ މަޤާމްތަކަށް ބޭފުޅުން އައްޔަނުކުރެއްވުމުގެ އުސޫލަށް ކަމަށާއި، ޔުނިވަރސިޓީގެ މަސައްކަތްތަކަށް އެއްވެސް ބަދަލެއްނެތި، ޔުނިވަރސިޓީއަކީ ކޮބައިކަމާ، އެތަނުގެ މުސްތަޤިއްލުކަމާއި، ޔުނިވަރސިޓީން ދިރާސާތައް ކުރުމުގައި ކަންތައްތައް ކުރަންޖެހޭގޮތް ކުރިއެކޭ އެއްގޮތަށް މިހާރުގެ ޤާނޫނުގައިވެސް އެ މާއްދާތައް ބަޔާންކޮށްފައިވާކަމަށެވެ. "އިލްމު އުފައްދާ، އިލްމު ރައްކާކޮށް، އިލްމީ ހަޒާނާއަކަށް ޔުނިވަރސިޓީ ހަދާއި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ތަޢުލީމާއި ހުނަރު ކުރިއެރުވުމަށް ރައްޔިތުންނަށް ފުރުސަތުތައް ހޯދާއިދީ، ބޭނުންތެރި ޢިލްމީ ދިރާސާތައް ހެއްދެވުމުގައި، ޔުނިވަރސިޓީގެ ޢިލްމީ ބޭފުޅުންގެ ދަޢުރު ވަރަށް ބޮޑު"  ޗާންސެލަރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި ސިޔާސީ ވިސްނުމާއި، ސިޔާސީ ފިކުރުތައް ހިމަނަންވެއްޖެނަމަ، އެބޭފުޅުންގެ މަސައްކަތްތައް ބަލައިގަތުމަށް ރައްޔިތުން އުޒުރުވެރިވާނެކަން ފާހަގަކުރައްވާ، ސިޔާސީ ވިސްނުންތަކުން އެއްކިބާވެ، ޢިލްމާއި ހުނަރުގެ ރޮނގުން ޤައުމު ތަރައްޤީކުރުމަށް އަތުކުރި އޮޅާލުމަށް ޔުނިވަރސިޓީގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޗާންސެލަރ ވަނީ ގޮވާލައްވާފައެވެ.