ޚަބަރު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެމްޑީޕީގެ ޕްރައިމަރީ 7 ފެބްރުއަރީގައި


އެމްޑީޕީގެ ޓިކެޓްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ޓިކެޓްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރައް ބޭނުންވާ ކެންޑިޑޭޓުންނަށް މިމަހުގެ 26ވަނަ ދުވަހުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް ވޯޓްލެވޭ ފަރާތްތަކުގެ ވޯޓާސްލިސްޓް މިއަދު އާންމުކުރާނެކަމަށް އެޕާޓީންބުނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީއަކީ މިމަހުގެ 30ވަނަ ދުވަހެވެ. އިންތިޚާބްގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އާންމުކޮށް އިންތިޚާބް ބޭއްވުމަށް އެޕާޓީން ކަނޑައަޅާފައިވަނީ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބާއިއެކީ އެއްދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެންދަނީ އެރަށެއްގެ އާބާދީއެއްގެ މައްޗަށްކަމުގައި ގަވާއިދުގައިބުނެއެވެ. މިގޮތުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިޚާބުކުރާނީ 5 މެންބަރުންނެވެ. 2000 އާއި 5000 އާދެމެދުގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިޚާބުކުރާނީ 7 މެންބަރުންނެވެ. 5000 މީހުންނަށްވުރެ ގިނަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިޚާބުކުރާނީ 9 މެންބަރުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގުސަދަކީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ލަފައާއި މަޝްވަރާދިނުމާއި، އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ.