ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި 270 އަންހެން ކެންޑިޑޭޓުން


270 އަންހެން ކެންޑިޑޭޓުންނާއިއެކު އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލިސްޓު އާންމުކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި 870 ކެންޑިޑޭޓުންވާދަކުރެއެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ވޯޓްލުން ހުކުރުދުވަހު ކުރިއަށްދާއިރު، ބައެއް ދާއިރާތަކަށް ކުރިމަތިލާންޖެހޭ އަދަދަށް ފޯމްހުށަހެޅި މެމްބަރުންނަށްވަނީ ޓިކެޓްދީފައެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓްގައި ސިޓީ ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތަންވަނީ އާންމުކޮށްފައެވެ. މިލިސްޓްގައިވާގޮތުން 4 ސިޓީ ކައުންސިލްގެ މޭޔަރުކަމަށް 16 ބޭފުޅަކު ވާދަކުރައްވައެވެ. މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ހަމައެކަނި އަންހެން ކެންޑިޑޭޓަކީ މާލެސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ސިފާ މުހައްމަދެވެ.

ސިޓީކައުންސިލްތަކުގެ މެމްބަރުކަމަށް 119 ކެންޑިޑޭޓުން ވާދަކުރެއެވެ. އަތޮޅުކައުންސިލް ރައީސްގެ މަޤާމަށް 49 ކެންޑިޑޭޓުން ވާދަކުރާއިރު، ރަށު ކައުންސިލްތަކަށް 709 ކެންޑިޑޭޓަކު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއެވެ.

ކައުންސިލް އިންތިޚާބްގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ކެންޕެއިން ކުރަމުންދާއިރު، އެޕާޓީންވަނީ މުޅިރާއްޖޭގައި ހަފްތާ ބަންދުގައި ޚާއްސަ ކެންޕެއިން ހަރަކާތައް ބާއްވާފައެވެ. ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ ކޮންމެ ރަށެއްގައި އެރަށެއްގެ އެމްޑީޕީގެ ހަރުގޭގައިކަމަށް އެމްޑީޕީން ބުނެއެވެ.