ޚަބަރު

އެމްއާރުއެމްގެ ޓިކެޓުގައި ކައުންސިލްތަކަށް ވާދަކުރުމުގެ ފުރުޞަތު އިތުރުކޮށްފި


ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޓިކެޓަށް ވާދަކުރުމުގެ ފުރުޞަތު 10 ފެބްރުއަރީއަށް އިތުރުކޮށްފިއެވެ.

އެމްއާރުއެމްގެ ޓިކެޓަށް ވާދަކުރުމަށް ފުރުސަތު އިތުރުކޮށްފައިވާކަން ހާމަކޮށް އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް 10 ފެބްރުއަރީގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.

އެމްއާރުއެމްގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެމުއްދަތު އިއްޔެނެ ނިޔަލަށް ހަމަވެފައިވާއިރު، އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރުމަށް ހުށަހަޅާފައިވަނީ ކިހާ އަދަދެއްގެ ބޭފުޅުންނެއްކަމެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޚަދީޖާ ރަޝާ ވިދާޅުވީ ކޮމިޝަންގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އިންތިޚާބުގައި ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ޤާނޫނުގައި ބުނާ 14 ދުވަހުގެ މުއްދަތު ލިބޭނެކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.