ޚަބަރު

ޔާމީން ހުންނެވީ މައުމޫނާއި ނަޝީދުވެސް ހުންނެވި ތަނުގައި އެއަށްވުރެ ފެންވަރު ރަނގަޅަށް - އިމްރާން


މަނީ ލޯންޑަރިންގެ މައްސަލާގައި ކުށްސާބިތުވެ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ނަޝީދު ނުޙައްޤުން ބަންދުކުރި ތަނުގައި އެއަށްވުރެ މާ ފެންވަރު ރަނގަނޅަށްކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވެފައި މިވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވި ޙާލަތާ ގުޅޭގޮތުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދައްކަވަމުންދާ ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެއްކަން ހާމަކުރައްވައި ހޯމް މިނިސްޓްރީން ބަޔާނެއްވެސް ނެރުއްވާފައިވަނިކޮށެވެ.

މިނިސްޓަރ އިމްރާންގެ ޓްވީޓް

ރައީސް ޔާމީންއާއި ގުޅޭގޮތުން ޢަބްދުއްރަހީމް އަބްދުﷲ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ހޯމް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައިވަނީ މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް، އަދި އެމަނިކުފާނުގެ ވަކީލުންނާއި ޢާއިލާގެ ފަރާތުންވިޔަސް ހުށަހަޅުއްވާފައި ނުވާކަމަށެވެ.

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު މިނިސްޓްރީގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރ އޮފް ކަރެކްޝަން ސަރވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށް ގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ރައީސް ޔާމީންއާއި ބައްދަލުކުރައްވާ ޙާލުބައްލަވާ އޭނާގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައިވާކަމަށެވެ.

މިބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ޙާލަތު ރަނގަޅުކޮށް ޤައިދީންނާއި ބަންދުމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ނެރުންކަންވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ހއ.ބާރަށުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އޭނާ ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުވުމުން އެމަނިކުފާނު ހުންނެވި ހާލު ފެނިވަޑައިގެން ވަރަށް ދެރަވި ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ވަރަށް ހިކި އަނަރޫފަ ވެފައި ކަމަށް ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނާމެދުވެސް އަމަލުކުރަމުންދަނީ ޖަލުގައި ތިބި އެހެން ގައިދީންނާއިވެސް އެއްހަމަޔަކުން ކަމަށާއި، މިއީ ނުހަނު ކަންބޮޑުވާކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޛުކުރަމުންދާ ޤައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ، އިންސާނީ ޙައްޤުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީންއާއި މެދުވެސް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާކަމަށެވެ.