ކުޅިވަރު

ޔުނައިޓެޑަކީ އަލުން ބިނާކުރަން ޖެހިފައިއޮތް ޓީމެއް: ސޮލްޝަޔާ


ޔުނައިޓެޑަކީ އަލުން ބިނާކުރަން ޖެހިފައިއޮތް ޓީމެއްކަމަށާއި، އެކަމަށް ވަގުތު ބޭނުންވާކަމަށް ކޯޗު އޮލެ ގަނަ ޝޮލްޝަޔާ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލެ ގަނަ ޝޮލްޝަޔާ އޭނާގެ ދިފާއުގައި ވާހަކަދައްކަން މި ފެށީ ހަވާލްވިފަހުން ޓީމަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުންނެވެ.

2018ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔުނައިޓެޑާއި ހަވާލްވިފަހުން އޭނާ އިރުޝާދުދިން 65 މެޗުން ޔުނައިޓެޑް މޮޅުވީ 32 މެޗުންނެވެ. އަދި އެންމެ ފަހުން އޭނާ އިރުޝާދުދިން ދެ މެޗުންވެސް ޓީމް ބަލިވެ ގިނަ ބަޔަކު އަންނަނީ ޝޮލްޝަޔާއަށް ފާޑުކިޔަމުންނެބެ.

ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ބުނަނީ ޓީމް މުހިންމު ކުޅުންތެރިން އަނިޔާގައި ތިބި މި ދަނޑިވަޅުގައި ކުލަބަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވެނީ ބެކްއަޕް ޕްލޭނެއް ނެތުމުންކަމަށެވެ. މި ފާޑުކިޔުންތަކަށް ރައްދުދެމުން ޝޮލްޝަޔާ ބުނީ ދުނިޔޭގެ އެއްވަނަ ޓީމްގެ ގޮތުގައި މިވަގުތު އޮތް ލިވަޕޫލަށް އެހާ ހިސާބަށް ދެވުނީ ހަތަރު އަހަރުވަންދެން މަސައްކަތްކޮށްގެންކަމަށާއި، 4 އަހަރުގެ ތެރޭ 8 ޓްރާންސްފަރ މާކެޓެއްގައި އެކުލަބުން އެތައް ކުޅުންތެރިންނެއް ގަނެފައިވާކަމަށެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ޓީމާއި ހަވާލްވިއިރު ތިބި ކުޅުންތެރިންގެ ތެރެއިން މިހާރު ފުރަތަމަ އެގާރައިގައިކުޅެނީ ހަމައެކަނި ހެންޑަސަންކަމަށާއި، ލިވަޕޫލުގެ މެނޭޖްމަންޓުން ކްލޮޕަށް އިތުބާރުކުރީކަމަށް ސޯލްޝަޔާ ބުންޏެވެ.

ޔުނައިޓެޑަކީވެސް އަލުން ބިނާކުރަން ޖެހިފައިއޮތް ޓީމެއްކަމަށާއި، އެކަމަށް އޭނާއަށް ވަގުތު ބޭނުންވާކަމަށް ޝޮލްޝަޔާ ބުންޏެވެ. އޭނާ ބުނީ އަވަސް އަރުވާލައިގެން އެތައް ހޭދައެއްކޮށްގެން ވާނެ ފައިދާއެއް ނެތްކަން ޔުނައިޓެޑާއި ކުރިން ހަވާލްވި ދެ ކޯޗުން ކުރި މަސައްކަތުން ފެންނަން އެބައޮތްކަމަށާއި، އޭނާ އެހެންވާން ބޭނުން ނުވާކަމަށެވެ. އަދި ކުޅުންތެރިން ގަންނާނީވެސް ވަރަށް ބޮޑަށް ބަލާފައިކަމަށާއި، ތަނަކުން ފެންނަ ކުޅުންތެރިއެއް ގެނައުމަކީ ޔުނައިޓެޑްގެ އުސޫލެއްވެސް ނޫންކަމަށެވެ.