ކުޅިވަރު

ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުންސިފް ހޯދައިފި


ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން 10ވަނަ ފަހަރަށް ހޯދައި މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ރެކޯޑާއި މުސާ މުންސިފް އަރާ ހަމަކޮށްފިއެވެ.

ޤައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ތަށި މުންސިފް 10ވަނަ ފަހަރަށް ހޯދީ ފައިނަލްގައި މުޙައްމަދު ޝައްފާން އިސްމާއިލް ހަތަރު ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފުރަތަމަ ސެޓު ކާމިޔާބުކުރަން ޝައްފާންއަށް ހަތަރު ޕޮއިންޓްގެ ލީޑެއްވެސް ލިބުނު އެހެންނަމަވެސް ފަހަތުން އަރައި އެއްވަރުކޮށް މުންސިފް ސެޓު ކާމިޔާބުކުރީ 14-12އިންނެވެ

ދެވަނަ ސެޓުވެސް ވާދަވެރިކޮށްގޮސް ފަހު ވަގުތު މުންސިފް ސެޓު ކާމިޔާބުކުރީ 12-10އިންނެވެ. މެޗުގެ ތިންވަނަ ސެޓު 08-11އިން ކާމިޔާބުކޮށް ޝައްފާން އުއްމީދު އައުކުރި ނަމަވެސް ފަހު ދެ ސެޓު 11-09 އަދި 11-05އިން ކާމިޔާބުކޮށް މުންސިފް ޗެމްޕިއަންކަން ހޯދިއެވެ.

މި ކާމިޔާބާއިއެކު މުންސިފްވަނީ ޤައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އެންމެ ގިނައިން ހޯދާފައިވާ އަލީ އާދަމް މަނިކުގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. ދެ ކުޅުންތެރިންވެސް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަންވަނީ ދިހަ ފަހަރު ހޯދާފައެވެ.