ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުވެގެންދާއިރު، މިއީ ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ހޮސްޕިޓަލަކަށް ހައްދަވާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަަލަށް ޤާއިމުކުރި ޕްރައިވެޓް ރޫމް ވޯޑް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމްތަކުގެ ވޯޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ކުދިކުދި ކަންކަމަށް ރަށުންބޭރަށް ފުރައިގެންގޮސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފާއި ކުރާ ހޭދަކުޑަކޮށް، ރައްޔިތުންނާ ވީހާވެސްގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއްކަމަށެވެ.
އެގޮތުން ސަރަޙައްދީ ފެންވަރުގެ 5 ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިޝާރަތްކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ، އުނގޫފާރަކީ އެމަސައްކަތުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ރަށްކަމަށެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމަށްޓަކާ ތަނަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި، ޚިދުމަތްތައް ޤާއިމުކުރުމުގެ ކަންކަން މިހާރުވެސް ކުރައްވަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، ޒަމާނީ ވަސީލަތްތަކާއި، އައު ޚިދުމަތްތަކާއެކު ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ ހޮސްޕިޓަލަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހައްދަވާނެކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމްތަކުގެ ވޯޑު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އަމީން ވަނީ އެތަން ބައްލަވާލައްވާފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ޕްރައިވެޓް ރޫމްތަކުގެ ވޯޑާއެކު އެހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން، އަލަށް ހުޅުވި ވޯޑާއެކު ބަލިމީހުންނަށް ބޭނުންވާ ޕްރައިވަސީ ލިބިގެންދާއިރު، މިއީ ޖާގައިގެ ގޮތުން ތަނަވަސް ރޫމްތަކެކެވެ. އަލަށް ހުޅުވި ވޯޑުގައި 5 ޕްރައިވެޓް ރޫމައި، އެގްޒެކެޓިވް ރޫމެއް ހުރެއެވެ. އަދި ޓްރީޓްމަންޓް ރޫމަކާއި، ނަރސިން ސްޓޭޝަނެއްގެ އިތުރުން، ލޮބީ އޭރިއަރއެއްވެސް ވޯޑުގައި ވަނީ ޤާއިމުކޮށްފައެވެ