ޚަބަރު

ރައީސްގެ އެމެރިކާ ދަތުރުފުޅަށް ޚަރަދުވެފައިވަނީ 4.17 މިލިޔަން ރުފިޔާ


އދ.ގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅަށް ޚަރަދުވެފައިވަނީ 4.17 މިލިޔަން ރުފިޔާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

އދ.ގައި ތަޤްރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތަފްސީލް ހޯދުމަށް އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުގައި އެދުމުން އެމަޢުލޫމާތު ރައީސް އޮފީހުން ހޯދުމަށްފަހު އިންފޮމޭޝަން ކޮމިޝަންގެ އެފީހުންވަނީ އެފަރާތާ ޙިއްސާ ކުރައްވާފައެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެދަތުރުފުޅުގައި ބައިވެރިވެ ޑެލިގޭޓުންނަށް 9 ދުވަހުގެ ހުރުމާއި ކެއުމާއި، ޓިކެޓް ޚަރަދުތަކާއެކު 4.17 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރައީސް އޮފީހުގެ ކަމާގުޅުންހުރި ބައެއް ބޭފުޅުންނާއި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިދަތުރުފުޅަކީ ރާއްޖޭގެ އެންމެ އިސްވެރިޔާ އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާތާ 7 އަހަރުފަހުން އެ މަޖިލީހުގައި ތަޤްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

މިއީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އދ.ގައި ތަޤްރީރުކުރެއްވުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ އިތުރުން ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކަހެރިކޮށް އޮތް އޮތުމަށް ނިމުމެއް އައިސްފައިވާކަން ހާމަވެގެންދިޔަ ކަމެއްކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން އެކި ޤައުމުތަކުގެ ވެރިންނާއި، އދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.