ޚަބަރު

އަންހެން ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ސްޓެލްކޯއިން ފަށަނީ


އަންހެން ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވެފައިވަނީ ޓްރާންސްފޯމަރތަކަށް ގޭސް އެޅުމާގުޅޭގޮތުން އެކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މަޢުލޫމާތުދެއްވަމުންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކޮށް ޚިދުމަތްތައް ފުޅާކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި ތަމްރީން ފޯރުކޮށްދިނުމަކީވެސް އެކުންފުނިން ޚާއްސަ ސަމާލުކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އެގޮތުން އަންހެން ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

"ވަރަށް ގިނަ ޑިވެލޮޕްމަންޓް މަސައްކަތްތަކެއް ކުރިއަށްދާއިރު، މިކަންކަމާއެކު މުވައްޒަފުން ތަމްރީން ކުރުމަކީވެސް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއްދޭކަމެއް. ވަރަށް ފަހުން އަޅުގަނޑުމެން އިލެކްޓްރީޝަނުން ތަމްރީން ކުރުމުގެ ކޯހެއް ކުރިއަށްގެންދިޔައިން. މިހާރު ފުރުޞަތު ހުޅުވިފައި އެބައޮތް އަންހެން ބޭފުޅުންނަށް ޚާއްސަ އިލެކްޓްރީޝަން ކޯހެއްވެސް. އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވިއެވެ.

ޓްރާންސްފޯމަރތަކަށް ގޭސް އެޅުމާގުޅޭގޮތުން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމަކީ ޓްރާންސްފޯމަރ އުފެއްދުމުގެ ތަޖުރިބާލިބިފައިވާ ފްރާންސްގެ ކުންފުންޏެއްކަމަށްވާ ޝްނެޑަރ އިލެކްޓްރިކްއާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ސްޓެލްކޯގެ މާލެއާއި ހުޅުމާލެ އަދި އަތޮޅުތަކުގެ ބްރާންޗުތައް ހިމެނޭހެން 20 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ. މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމުގައި ޓްރާންސްފޯމަރ ތަކަށް ގޭސްއަޅާނެ ގޮތާއި، އެކަމުގައި ބަލަންޖެހޭ ކަންކަމަކީ ކޮބައިކަމާއި، ރައްކާތެރިވުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދީފައިވާނެކަމަށެވެ. އަދި އެކަންކަން ޢަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގައި ބޮޑަށް އަލިއަޅުވާލާފައިވާނީ ޓްރާންސްފޯމަރތަކަށް ގޭސް އެޅުމާގުޅޭގޮތުން. މާލެއާއި ހުޅުމާލެ އަދި އެހެނިހެން ސަރަހައްދުތަކުގައިވެސް އަޅުގަނޑުމެން ވަރަށް ގިނަ ޓްރާންސްފޯމަރތަކެއް އެބަ ނޭނުންކުރެވޭ. މި ދާއިރާއަށް އަމާޒުކޮށްގެން ރަސްމީ ސިފައެއްގައި ހިންގުނު ފުރަތަމަ ޕްރޮގްރާމް. މީގަ ބައިވެރިވި ސްޓާފުންނަށް އަޅުގަނޑުމެން ވާނީ ޕްރޮފެޝަނަލް ސެޓިފިކޭޝަނެއްވެސް ދީފައި" މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދެމުންދާ ރަށްރަށުގައި ގިނަ އަދަދެއްގެ ޓްރާންސްފޯމަރތަކެއް އޮޕަރޭޓްކުރަމުންދާއިރު، އެކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ރަސްމީ ސިފައެއްގައި ކުރިއަށްގެންދިޔަ މިއީ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. މި ތަމްރީން ޕްރޮގްރާމުން ބައިވެރިންނަށް ލިބުނު ތަމްރީނާއި ތަޖުރިބާގެ އަލީގައި އެފަރާތްތަކުން އެކުންފުނީގެ އެކި ބްރާންޗުތަކުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުން ތަމްރީންކުރާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.