ރިޕޯޓް

އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުޅުދުއްފުށީ ކައުންސިލުން މަސައްކަތް ފަށައިފި


ތެލަށްކުރާ ބަރޯސާވުން ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް ކުޅުދުއްފުށީ ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމަށް ކަމާއި ބެހޭފަރާތްތަކާއި އެކު މަޝްވަރާކުރެވި ކައުންސިލްގެ ބަޖެޓްގައި އެކަން ހިމަނާފައިވާ ކަމަށެވެ.

ކައުންސިލް ތަކަށް ބަޖެޓް ދިނުމާގުޅިގެން ކައުންސިލް ތަކުން ދަނީ މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް ރާވަމުންނެވެ. ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ، އެރަށު ކައުންސިލަށް ދިން ބަޖެޓުން އެކައުންސިލަށް ކުރުން ލާޒިމުވެފައިވާ ކަންތައްތައް ފާހަގަކޮށް، އެކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. މިގޮތުން އާއްމުޚިދުމަތްދޭ ތަންތަނުގެ ކަރަންޓްބިލްތައް ބޮޑުވުމުގެ މައްސަލަ ފާހަގަ ވެފައިވާތީ އެކަމަށް ބަލައިގެން ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން އެފަދަ ތަންތަނުގެ ކަރަންޓާއި، ފެން ބިލް ފަދަ ބިލްތައް ދައްކަމުންއައީ ފިނޭންސް މިނިސްޓްރީން ކަން ފާހަގަ ކުރައްވައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ އެފަދަ އިޖުތިމާއީ ތަންތަނާއި ސަރަޙައްދުތަކުގެ ކަރަންޓާއި ފެން ބިލްތައް ދައްކަން 5 މިލިއަން ރުފިޔާ ކުޅުދުއްފުށީ ކައުންސިލްގެ ބަޖެޓްގައި ހިމަނާފައި ވާކަމަށެވެ.

މިޚަރަދުތައް ކުރަންޖެހުމުގެ ސަބަބުން ބަޖެޓްގެ ބޮޑުބައެއް ހޭދަވަނީ ބިލްތައް ދެއްކުމަށް ކަމަށްވާތީ ، ޚަރަދު ކުޑަކުރުމުގެ ގޮތުން އެކައުންސިލުން މިއަހަރު މިވަނީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަޝްވަރާކޮށް އެކަން ބަޖެޓްކޮށްފަ އެވެ.

އެގޮތުން ކައުންސިލް އިދާރާއިން ކަރަންޓަށް ހޭދަކުރާ މިންވަރު މަދު ކުރުމަށްޓަކައި މަގުބައްތިތަކާއި އަދި އެހެނިހެން ތަންތަންތަނުގައިވެސް ތިމާވެއްޓާ ރަށްޓެހި ހަކަތައަށް ބޭނުންކުރުމަށް ފަންނީ މީހުންގެ އެހީގައި އެސެސްމެންޓް ހަދައި މަގުޗާޓެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.