ކުޅިވަރު

ދިހަ ކުޅުންތެރިންނާއިއެކު ޗެލްސީއާއި ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދުނީ ކުޅުންތެރިން ކުރި މަސައްކަތުން: އާޓެޓާ


ދިހަ ކުޅުންތެރިންނާއިއެކު ޗެލްސީއާއި ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދުނީ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި ޗެލްސީއާއި އާސެނަލް ކުޅުނު މެޗު އެއްވަރުވީ ދޭއް ދޭއްގެ ނަތިޖާއަކުންނެވެ. މެޗުގެ 26ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރ ޑޭވިޑް ލުއިޒްއަށް ދެއްކި ރަތްކާޑާއިއެކު މެޗުގެ ބޮޑުބައި އާސެނަލް ކުޅުނީ ދިހަ ކުޅުންތެރިންނާއިއެކުއެވެ.

ޖޯޖީނިއޯގެ ޕެނަލްޓީން ޗެލްސީ ލީޑް ނެގިނަމަވެސް އާސެނަލުން ފުރަތަމަ ނަތީޖާ އެއްވަރުކުރީ މާޓިނެލީގެ ގޯލުންނެވެ. ދެވަނަ ފަހަރަށް ޗެލްސީއަށް އަޒްޕްލިކުއެތާ ލީޑް ނަގައިދިންއިރު، އާސެނަލުން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އެއް ކުޅުންތެރިއަކު މަދުވިޔަސް ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތްކުރިކަމަށެވެ. އަދި ޗެލްސީ ކަހަލަ ވަރުގަދަ ޓީމެއް އަތުން ޕޮއިންޓެއް ހޯދުމަކީ ހާލަތަށް ބަލާއިރު މެޗުން މޮޅުވުން ފަދަކަމެއްކަމަށެވެ.

އާޓެޓާ ބުނީ އާސެނަލްގެ މިސްރާބުހުރީ ރަނގަޅު ދިމާލަށްކަމަށާއި، ޓީމުގެ ރޫޚުވެސް މިހާރު ވަރަށް ރަނގަޅުކަމަށެވެ.