ވިޔަފާރި

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ކުންފުނިތަކަށް ދިނުމަށް ބައްދަލުވުމެއް ބާއްވައިފި


މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން އިމާރާތްކުރުމުގެ ދާއިރާގައި ހުރި ފުރުސަތުތައް އަންގައިދިނުމަށް ސިންޕޯސިއަމްއެއް ބާއްވައިފިއެވެ.

1 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސިންޕޯސިއަމް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، މި ސިންޕޯސިއަމްގެ ބޭނުމަކީ މިއަހަރު ދައުލަތުގެ ބަޖެޓްގައި ހިމަނާފައިހުރި ޕީއެސްއައިޕީ މަޝްރޫޢުތަކުގެ މައުލޫމާތު ކޮންޓެކްޓަރުންނަށް އަންގައިދިނުންކަމަށެވެ. މި ބައްދަލުވުމުގެ ސަބަބުން ސަރުކާރުގެ ޕީއެސްއައިޕީގައި ހިމެނޭ މަޝްރޫޢުތަކާއި ގުޅޭ ފުރިހަމަ މައުލޫމާތު ކޮންޓެކްޓަރުންނަށް އެނގި އެ މަޝްރޫޢުތަކަށް ބިޑް ކުރަން ފަސޭހަވެގެންދާނެކަމަށް ޖަނާހް ވިދާޅުވިއެވެ.

"މިހާރު މިވާގޮތަކީ ބަޖެޓުގައި ކަނޑައަޅާފައި ޕްރޮޖެކްޓެއް އޮތީމައި އަޅުގަނޑުމެންނަށް މިއެނގެނީ އިއުލާންކުރާ ހިސާބުން. އެހެންވީމަ އަޅުގަނޑުމެން ހުށައެޅީ ހިނގާށޭ ދުރާލާ މި ހުރި ޕްރޮޖެކްޓްތައް އެ ގެންނަވާނެ ގޮތަކާއި، ޕްލޭންކޮށްފައި ހުރި ގޮތަކާއި، ގެންނަވާނެ ގޮތަކާއި، ޓައިމްލައިންތަކަކާއި ސެއަރ ކުރެވޭނެގޮތް ބަލަން." ޖަނާހް ވިދާޅުވިއެވެ.

މިއަހަރުގެ ޕީއެސްއައިޕީގައި 10.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މަސީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޓަރ ގުޅިގެން ބާއްވާ މި ސިންޕޯސިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތައް ހިމެނޭގޮތުން 70 ފަރާތަކުން ބައިވެރިވާކަމަށް މަސީން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި ގުޅިގެން މިފަދަ ސިންޕޯސިއަމްތައް ބާއްވާނެކަމަށް މަސީން ބުނެއެވެ.