ޚަބަރު

މާލޭގެ ތަރައްޤީގެ ޕްލޭން އަންނަ ހަފްތާގައި އިޢުލާންކުރަނީ


މާލޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްސީލް އަންނަ ހަފްތާގައި ހާމަކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ނިމުނު އަހަރު ކައުންސިލުން ކުރިއަށްގެންދިޔަ އެންމެ މުހިންމު މަސައްކަތަކީ މާލެއަށް ގެންނާނެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގެ މަސައްކަތް ކަމަށެވެ. ސިފާ ވިދާޅުވީ ކުރީގެ ސަރުކާރުން މާލެ ޕްލޭން ކުރުމުގެ ކަންކަން ކޮށްފައިވަނީ ކައުންސިލާ އެއްވެސް ވަރަކަށް ޙިއްސާނުކޮށް، ކައުންސިލްގެ ޚިޔާލު ނުހިމަނާކަމަށެވެ.

ނަމަވެސް މިފަހަރު މާލޭ ސިޓީގެ ޕްލޭން ހަދާފައިވަނީ ސިޓީކައުންސިލާއި ޕްލޭނިންގ މިނިސްޓްރީ ވަރަށް ބޮޑަށް ގުޅިގެން ކަމަށް ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މިދިޔަ އަހަރު މަސައްކަތްތައްކުރީ ކުޑަ ބަޖެޓެއްގައި ނަމަވެސް، މިއަހަރަށް ސިޓީ ކައުންސިލުން މުހިންމު ގިނަ މަސައްކަތްތައް ކުރިއަށްގެންދެވޭ ވަރަށް ބަޖެޓު ލިބިފައިވާކަމަށެވެ.

"މި ނިމުނު އަހަރަކީ މަސައްކަތް ޕްލޭން ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔަ އަހަރެއް. މާލޭގެ ފަޅުތެރެ، މާރުކޭޓުތައް، މަގުތައް ހަދާނެ ގޮތުގެ ޕްލޭން ހެދި، ފައިސާ ލިބިއްޖެ. މިއީ މި 7-8 މަހު ކުރި މަސައްކަތް. ކުރިއަށް އޮތް ހަފްތާގައި ޕްރޮޖެކްޓްތަކުގެ ތަފްސީލް ހާމަކުރާނަން." ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މިހާރު ސިޓީ ކައުންސިލްގެ ބަޖެޓްވެސް ކައުންސިލުން ފާސްކޮށްފައިވާކަމަށެވެ.
ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ މަސައްކަތަކީ މާލޭގެ މަގުތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށާއި މިމަސައްކަތަށް މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގައި 78 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.