ޚަބަރު

ރ.މީދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި


ދ.މީދޫ ބަނދަރުހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މީދޫ ބަނދަރުގެ ޑިޒައިން މަސައްކަތާއި ބަނދަރުގެ ޢަމަލީ މަސައްކަތް ހިމެނޭހެން މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 36.8 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން މީދޫގައި 294 މީޓަރު ދިގު ބަނދަރެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި ބޭރުތޮށީގެ 373 މީޓަރު ސަރަޙައްދުގައި ބޮޑުހިލަޖެހުމާއި، 35 މީޓަރުގެ ރިވެޓްމަންޓާއި، ނެރުބައްތިއާއި އަދި ބަނދަރު ބައްތި ޖެހުމަށްވަނީ އެއްބަސްވެފައެވެ. އަދި ބަނދަރުގައި ރޭމްޕެއް ހެދުމާއި، ބަނދަރު ފުންކުރުމާއި، އަދި ބަނދަރުގައި ޕޭވްމަންޓް ހެދުމަށްވެސްވަނީ އެއްބަސްވެފައެވެ.

ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 14 މަސް ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މީދޫ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު ހުސައިންއެވެ.