ޚަބަރު

ކުޅުދުއްފުށީ ދެކުނުކޮޅު ކުޅި ޙިމާޔާތްކޮށް، ނޭޗަރ ޕާކެއް ތަރައްޤީ ކުރަން ނިންމައިފި


ކުޅުދުއްފުށީ ދެކުނުކޮޅުގައި އޮންނަ ގުދުރަތީ ފެންގަނޑު، ހިމާޔާތްކޮށް އެތަނުގައި ނޭޗަރ ޕާކެއް ތަރައްގީކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމަނާފައިވަނީ، އެއްގަމާއި ކަނޑުގެ މުއްސަދިންކަމާއި ދިރޭތަކެތީގެ ނަސްލު ހިމާޔާތްކުރުމުގެ ގޮތުން "ކުޑަކުޅީ"ގައި ނޭޗަރ ޕާކެއް ތަރައްގީކުރުމަށެވެ.

ކުޅުދުއްފުށީ ކުޅިއަކީ ޤުދުރަތީގޮތުން ކުޅުދުއްފުއްޓަށް ލިބިފައިވާ އަގުބޮޑު ރައުސުލްމާލެއް. މިކުޅީގެ ބައެއް ހިއްކައިގެން މިހާރުވަނީ އެރަށުގައި އެރަޕޯޓެއްހަދާފައެވެ. މިކަމަމާމެދު އެރަށުގެ ޢާއްމު ބައެއްފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. ތިމާވެށީގެ ގޮތުން ގެއްލުންތަކެއް ވާނެކަމަށް ބުނެ ބައެއްފަރާތްތަކުން އަޑު އުފުލާފައިވެއެވެ. މިކުޅީގެ ޙާލަތު ބެއްލެވުމަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު، ކެނެޑާއާ، އެމެރިކާއާ، ތައިލެންޑް ފަދަ ގައުމުތަކުގެ ސައިންސްވެރިން ބައިވެރިވެވަޑައިގެން އެންވަޔަރަން މަންޓް މިނިސްޓްރީން ކުރެއްވި ދިރާސާ އަށްފަހު ބުނެފައިވަނީ މިހާރު އޮތް ކުޅީގެ ބައިތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިދިރާސާއަށްފަހު މިކުޅި ޙިމާޔަތްކޮށް، ކުޅުދުއްފުށީ ކުޅިއަކީ ބޭނުންތެރި ތަނެއްގެ ގޮތުގައި ހެދުމަށާއި މިކަން ނުކުރެވި އޮތުމުން ލިބިދާނެ ގެއްލުމަކާމެދުވިސްނައި ކުރެވެން ހުރި ކަންތައްތަކެއް ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ހުއްޓުމެއްނެތި ކުރިއަށް ގެންދިޔައެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވަނީ ކުޅީގެ ފެންގަނޑު ތިލަވުމުގެ ސަބަބުން އެތަނުގައި ހުރި މަސްތައް މަރުވަމުން އަންނަކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މީގެ ސަބަބުން އެތަނުގައި މަދިރި ފަނި އާލާވެ އެކަމުގެ އުދަނގޫ ރައްޔިތުންނަށާއި އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރާނެ ކަންވެސް އޭނާވަނީ ފާހަގަ ކުރައްވާފައެވެ.

އެކި ގޮތްގޮތަށް ދިރާސާ ކުރުމަށްފަހު ކުޅުދުއްފުށީ ކައުންސިލުން މިކުޅި ޙިމާޔަތްކޮށް ނެޗަރ ޕާރކެއް ހަދަން ނިންމީ މިތަނުން ފަތުރުވެރިކަމުގެ މަންފާއެއްވެސް ލިބެގޮތަށް ވިސްނުމަށްފަހުއެވެ. މިފަދަ ޕާރކެއް ހެދުމުން އެރަށަށް ޒިޔާރާތްކުރާ މީހުން އިތުރުވެގެންދާނެ ކަމުގެ އުއްމީދުގައެވެ. ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް މަންފާއެއް ލިބޭ ގޮތަކަށް ކަމަށެވެ.

ބައެއް ރަށްރަށުގައި ކުޅި، ކަނޑޫފާ ފަދަ ތަންތަން ތަރައްގީކޮށްގެން ކައުންސިލްތަކުން އަންނަނީ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ.