މެލޭޝިޔާއިން އުފައްދާ ޕާމް އޮއިލް އެތެރެކުރުން އިންޑިއާއިން ހުއްޓާލިނަމަވެސް އެކަމާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ މެލޭޝިޔާއިން އުފައްދާ ޕާމް އޮއިލް އެތެރެކުރުން އިންޑިއާއިން މިމަހުން ފެށިގެން ހުއްޓާލާފައިވަނިކޮށެވެ.
މެލޭޝިޔާއިން ޕާމް އޮއިލް އެތެރެކުރުން އިންޑިއާއިން ހުއްޓާލާފައިވާއިރު، މެލޭޝިޔާއަކީ އިންޑިއާއަށް އެންމެ ގިނަ އަދަދަކަށް ޕާމް އޮއިލް އެތެރެކުރާ ޤައުމެވެ. އަދި މެލޭޝިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަކަށް ޕާމް އޮއިލް އުފައްދާ ޤައުމުވެސްމެއެވެ. އަނެއްކޮޅުން އިންޑިއާއަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ އެކި ބާވަތުގެ ތެޔޮ އެންމެ ގިނައިން އެތެރެކުރާ އެއް ޤައުމުވެސްމެއެވެ.
މިދިޔަ ފަސް އަހަރު ދުވަހަށް ބަލަލާއިރު އިންޑިއާއަކީ މެލޭޝިޔާއިން އެންމެ ގިނަ އަދަދަކަށް ޕާމް އޮއިލް އެތެރެކުރާ ޤައުމަށްވިޔަސް، ދެ ޤައުމުގެ ދޭތެރޭގައި މައްސަލަތައް އުފެދުނީ މެލޭޝިޔާގެ ސަރުކާރުން އިންޑިއާގެ ދާހިލީ ކަންކަމާ ބެހޭކަމުގެ ތުހުމަތުތަކާއެކުއެވެ.
އިންޑިއާއިން ދާދިފަހުން ފާސްކުރި ރަށްވެހިކަމާބެހޭ ޤާނޫނާ ގުޅޭގޮތުންނާއި ކަޝްމީރުގެ މައްސަލައިގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ ފާޑުކިޔުންތައް އިންޑިއާއަށް އަމާޒުވެފައިވާއިރު، އިންޑިއާއިން ޤަބޫލުކުރަނީ މިއީ އެޤައުމުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުންކަމަށެވެ. މީގެ އިތުރުން އިންޑިއާގައި ހިނގަމުންދާ ޝަރީޢަތްތަކަކަށް ހޯދަމުންދާ ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކަށް މެލޭޝިޔާއިން ހިމާޔަތްދިން މައްސަލައިގައިވެސް އިންޑިއާގެ ނުރުހުން ވަނީ މެލޭޝިޔާއަށް އަމާޒުވެފައެވެ.
އިންޑިއާއާއި މެލޭޝިޔާގެ މެދުގައި މައްސަލަތައް ބޮޑުވެ، އިންޑިއާއިން ނިންމީ މެލޭޝިޔާއިން ޕާމް އޮއިލް އެތެރެކުރުން ހުއްޓާލާށެވެ. މި ނިންމުމާއެކު މެލޭޝިޔާގެ ޕާމް އޮއިލް ވިޔަފާރީގެ އަގު ވަނީ މިދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.
މެލޭޝިޔާއިން ޕާމް އޮއިލް އެތެރެކުރުން އިންޑިއާއިން ހުއްޓާލި ނަމަވެސް، އެކަމާ ދެކޮޅަށް މެލޭޝިޔާއިން އެއްވެސް ފިޔަވަޅެއް ނާޅޭނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ ވިދާޅުވެފައެވެ. މަހާތިރު ވިދާޅުވީ އިންޑިއާއަށް ދެކޮޅަށް ފިޔަވަޅު އަޅާ ވަރަށްވުރެ މެލޭޝިޔާއަކީ ކުޑަ ޤައުމެއްކަމަށެވެ. އަދި ދިމާވެގެން އުޅޭ މައްސަލަތަކަށް ޙައްލު ހޯދުމަށް އެހެން ގޮތްތައް ވިސްނަންޖެހޭކަމަށް މަހާތިރު ވިދާޅުވިއެވެ.
އިންޑިއާއާ މެލޭޝިޔާއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާއިރު، އިންޑިއާއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް މިހާތަނަށް ވާހަކަ ދައްކާފައެއްނުވެއެވެ. އަދި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މެލޭޝިޔާއިން ހުށަހެޅި ހުށަހެޅުންތަކަށްވެސް އިޖާބައެއް ދީފައެއްނުވެއެވެ.