ތަޢުލީމު

އަންނަ އޮގަސްޓް މަހުގެ 2ވަނަ ދުވަހު ސްކޫލުތައް ހުޅުވަނީ


ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިޔަ ޑެންގީހުމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދު ކަނޑާލައިފައި އޮތުމަށްފަހު އަންނަމަހުގެ 2 ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.ޑެންގީހުން ފެތުރުމާ ގުޅިގެން، ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯހުގެ ލަފާގެމަތިން ދިވެހި ރާއްޖޭގައި ހިންގާ ޕްރީ ސުކޫލްތަކާއި، ސުކޫލްތަކުގައި ކިޔެވުން މެދުކަނޑާލައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަބުުދުﷲ ނަޒީރު ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން މެދުކެނޑިފައިވާ ދުވަސްތަކުގެ ފިލާވަޅުތައް ނަގައިދުނުމުގެ ކަންކަން ސްކޫލްތަކުން ހަމަޖައްސަވަމުން ގެންދަވާނެކަމަށެވެ.ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވީނަމަވެސް މިހާރުވެސް ޓީޗަރުން ދަނީ ސުކޫލްތަކަށް ނިކުންނަވަމުންނެވެ. އަދި މިއަހަރުގެ އޯލެވެލް އިމްތިހާނު ހަދަމުންދާ ދަރިވަރުންގެ ކިޔެވުންވެސް ކުރިއަށްދެއެވެ.އޮގަސްޓް މަހުގެ ދެވަނަ ދުވަހު ސްކޫލްތައް ފެށޭއިރު ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް މިއަހަރުގެ ދެވަނަ ޓާރމްގެ އިމްތިހާން އޮގަސްޓް ސޯޅައިން ހަތާވީހަށް އޮންނާނެއެވެ.ކިޔެވުން މެދުކަނޑާލާލުމާއިގުޅިގެން ބެލެނިވެރިންނާއި  ސުކޫލްތަކުން ދެއްވި އެއްބާލުމަށް އެޑިޔުކޭޝަން  މިނިސްޓްރީން ވަނީ  އެފަރާތްތަކަށް ޝަކުރު އަދާކުރައްވާފައެވެ.