ޚަބަރު

ބާސްކެޓް އިންޑޯ ހޯލް ކުރެހުމުގެ މަސައްކަތް ނިމި ޓެންޑަރ ކުރުމުގެ މަރުހަލާގަ


މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ބާސްކެޓް އިންޑޯ ހޯލް ކުރެހުމުގެ މަސައްކަތް ނިމި ޓެންޑަރ ބޯޑަށް ހުށަހަޅާފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.
އެކުވެނި އައުޓްޑޯ ކޯޓް ބާސްކެޓް ކޯޓްގައި އިންޑޯ ބެސްކެޓް ހޯލް އެޅުމަށް ނިންމާ އެކަން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްވަނީ މިދިޔަ އަހަރުވަނީ އިޢުލާންވެސްކޮށްފައެވެ. ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު އިބްރާހިމް ވިދާޅުވީ ބާސްކެޓް ހޯލް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އިންޑޯ ހޯލް ކުރެހުމުގެ މަސައްކަތް ނިމި، ޓެންޑަރ ބޯޑަށް ހުށައަޅާފައިވާކަމަށެވެ. ޖުލައި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ ބާސްކެޓް މުބާރާތް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

ޑެޕިއުޓީ މިނިސްޓަރ އަހުމަދު އިބްރާހީމް ވިދާޅުވީ އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓްގައި އެޅުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ބާސްކެޓް ހޯލެއްކަމަށާއި މިހޯލްގައި ތިން ބާސްކެޓް ކޯޓް އެޅުމަށް ހަމަޖެހިފައިވާއިރު، ސިޑި ބަރިތައް ހުންނާނީ އަތުރާލެވޭ ގޮތަށްކަމަށްވެސް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ. މިކަމާއި ގުޅޭ ގޮތުން ޓެންޑަރ ބޯޑްގެ މެމްބަރު އަދި ތަޖްރިބާކާރު ކޯޗް އިބްރާހިމް ނާހިދު ބުނީ މުބާރާތް މިހާ ކައިރިވެފައިވުމުން މަސައްކަތް ވަރަށް ބޮޑަށް އަވަސް ކުރަންޖެހޭކަމަށެވެ. އަދި މާލިއްޔަތު ގާނޫނުގެ ދަށުން އިންޑޯ ބާސްކެޓް ހޯލް އެޅުމަށް ބިޑަށް ހުޅުވާލެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ޔޫތް މިނިސްޓްރީއަށް މަޢުލުމާތުދީފައިވާނެކަމަށް އޭނާ ބުންޏެވެ. މިހާރު ބާސްކެޓް ބޯޅަ އެސޯސިއޭޝަނާއި މަޝްވަރާ ކުރުމަށްފަހު ޔޫތް މިނިސްޓްރީން ބިޑް ކުރުމަށް ބޭނުންވާ މައުލޫމާތުތައް ލިބުނުހާ އަވަހަށް ބިޑަށް ހުޅުވާލުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށް ނާހިދު ބުންޏެވެ.