ޚަބަރު

ޤަވާއިދާ ޚިލާފަށް ބަނދަރުގައި އަޅާފައި އޮތް 27 ދޯންޏެއް ނަގަނީ


މާލޭ ބަނދަރުގައި ޤަވާއިދާ ޚިލާފަށް އަޅާފައޮތް 27 ދޯންނެއް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލާއި މެރިން ޕޮލިސް ގުޅިގެން ފަށައިފިއެވެ. ސިޓީ ކައުންސިލުންވަނީ މާލެ ބަނދަރު ތަރުތީބުކޮށް، ފަސޭހައިން ބޭނުންކުރެވޭ ބަނދަރަކަށް ހެދުމުގެ މަސައްކަތް ފަށާފައެވެ.

މާލޭ މާރުކޭޓް ސަރަޙައްދު ބަނދަރަކީ މަސްވިއްކަން އަންނަ ދޯނިތަކާއި، އަދި މުދާ އުފުލާ ދޯނިތަކުން އަބަދުވެސް ތޮއްޖެހިފައި އޮންނަ ބަނދަރެކެވެ. ބޭނުންނުކޮށް ދޫކޮށްލާފައި ބަނދަރުގެ ހުންނަ އުޅަނދުތަކުގެ ސަބަބުން ބަނދަރުގެ ތޮއްޖެހުން އިތުރަށް ބޮޑުވެއެވެ.

މެރިން ޕޮލިސް އާއި ކަމާ ގުޅުންހުރި އިދާރާތަކުގެ އެހީއާއެކު މާލެ ސިޓީ ކައުންސިލުންވަނީ މާލޭގެ ބަނދަރު ތަރުތީބުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން އެންމެ ފުރަަތަމަ ފަށާފައިވަނީ މާލޭގެ ބަނދަރުގައި އަޅާފައި ހުރި ގިނަދުވަސްވީ އުޅަނދުތަކާއި، ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުން އަންނަ އުޅަނދުތައް ނެގުމުގެ މަސައްކަތެވެ. މި އުޅަނދުތައް ނަގަނީ ނޯޓިސް ދިނުމަށް ފަހުވެސް ވެރިފަރާތުން ނުނެގުމުން ކަަމަށް ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

"27 އުޅަނދު ނެގުމަށްވަނީ ހަމަޖެހިފައި. މިހާތަނަށް 4 އުޅަނދު ނަގައިފިން. އުޅަނދުތައް ޗެކު ކުުރުމަށްފަހު ނަގަނީ. ޓްރާންސްޕޯޓާއި ގުޅިގެން އެބަ ބަލަން ދޯނީގައި ތެޔޮ ނޫނީ އެހެން ކަހަލަ ތަކެތި ހުރިތޯވެސް. ގެއްލުން ނުވާގޮތަށް ގެންދަނީ." ސިފާ ވިދާޅުވިއެވެ.

ބަނދަރުން ނަގާ އުޅަނދުތައް ގެންދަނީ ތިލަފުއްޓަށެވެ. ސިފާ ވިދާޅުވީ އުޅަނދު ނެގި ނަމަވެސް، ލިޔެކިޔުންތައް ހޯދުމާއި ހޯދަންޖެހޭ ހުއްދަތައް ނެނގުމަށް ފަހު އުޅަނދު އޭގެ ވެރިފަރާތަށް ހަވާލުކުރެވޭނެކަމަށެވެ.

ސިފާ ވިދާޅުވީ ޤަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް ނެގުމަށްފަހު ބަނދަރު ބޭނުންކުރާނެ ގޮތުގެ ޤަވާއިދު ހަރުދަނާކުރާނެ ކަމަށެވެ.

"މިބަދަލާއެކު ވަކި ވަގުތެއްވަންދެން ބަނދަރުގައި ދޯނި އަޅާފައި ބޭއްވޭނީ. އެކަން ބެލެހެއްޓޭނެ އިންތިޒާމު ބަނދަރު ސަރަޙައްދުގައި ހަމަޖައްސާނަން." ސިފާ ވިދާޅުވިއެވެ.

މެރިން ޕޮލިސްގެ ފަރާތުން ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ޤަވާއިދާ ޚިލާފަށް ބަނދަރުގައި ދޯނި އެޅުމާއި، އަދި މިކަމާ ގުޅުންހުރި މިނޫންވެސް މައްސަލަތައް ޕޮލިހަށް ހުށައަޅާކަމަށެވެ.

"ޤަވާއިދާ ޚިލާފަށް އުޅަނދު އެޅުމާއި، ބިދޭސީން ގެންގުޅުމާއި، އަދި ގެންގުޅުން މަނާ ތަކެތި އޮޑިދޯނިފަހަރުގައި ގެންގުޅޭ މައްސަލަވެސް އާދޭ." މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

ބަނދަރުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ މަސްވިއްކަން އަންނަ މަސް ދޯނިތަކަށެވެ. ބަނދަރު ތޮއްޖެހުމުގެ ސަބަބުން ދޯނިތަކުން މަސް ނުބޭލި ވަގުތުނަގާކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ދަނީ ލިބެމުންނެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް ބަނދަރުގައި އަޅާ ދޯނިތަކުގެ މައްސަލައަށް 3 މަސް ތެރޭގައި ޙައްލު ގެންނާނެކަމަށެވެ. އަދި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން އަންނަ އުޅަނދުތައް އެޅުމަށް ޚާއްސަ ސަރަޙައްދުތައް ހަދާނެކަމަށެވެ.