އަތޮޅުތައް

އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށީގެ މަސައްކަތް ފަށަނީ


 މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށި ހެދުމުގެ މަސައްކަތް މިމަހުގެތެރޭގައި ފެށޭވަރުވާނޭކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ "އެމްޓީސީސީ"އިން ބުނެފިއެވެ.އޭދަފުށީ ބަނދަރުގެ ހުރަސްތޮށި ހެދުމުގެ މަސައްކަތް  މިމަހު ފެށޭނެކަން އެމްޓީސީސީއިން ހާމަކޮށްފައިމިވަނީ، މިމަސައްކަތް ފެށުން ލަސްވާކަމަށްބުނެ އޭދަފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަހްމަދު ސައީދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަސައްކަތް ފެށުން ލަސްވެފައިވަނީ އެމަސައްކަތް ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކުރުމަށް ވަގުތުތަކެއް ހޭދަވުމުންކަމަށާ، ނަމަވެސް މިހާރު މަސައްކަތް ދާ ރޭޓުން މިމަހު މަސައްކަތް ފެށޭނެކަމުގެ އުއްމީދު ވަރަށްބޮޑުކަމުގައެވެ.ހައުސިން މިނިސްޓްރީން މިދިޔަ އޭޕްރީލްމަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މިމަޝްރޫއުގެ ދަށުން އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށީގެ 97 މީޓަރު ދިގު ސަރަހައްދެއްގައި ކެޕިން ބީމް އަޅަންޖެހެއެވެ.މީގެ ފަސްވަރަކަށް އަހަރުކުރިން ޝީޓްޕައިލްކޮށް، ކޮންކްރީޓް ބީމް ނާޅައި އޮތުމުގެ ސަބަބުން ދަތުރުވެރިންނަށް އެސަރަހައްދު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކެއް ދިމާވަމުންދާކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.