މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އަންނަނީ މަސްވެރިކަމާއި ގުޅުންހުރި އާ މަސައްކަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، އެކަންކަމުން އާއްމުންނަށް ލިބޭ މަންފާ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މެރިކަލްޗަރގެ ވިޔަފާރި ރާއްޖެއަށް ތަޢާރަފްކުރިނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން ކުރެވެމުން އައިސްފައިވާ މަސައްކަތެއް ނޫނެވެ. ފިޝަރީޒް މިނިސްޓްރީން އަނެއްކާވެސް މިވަނީ މި ދާއިރާ ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ހުއިފިލަނޑާ އާލާކޮށް ވިއްކުމުގެ ޕްރޮގްރާމެއް ހިންގަމުން އަންނައިރު، މިހާރު މިވަނީ ފާނައަކީ އާލާކޮށް އާމްދަނީ ހޯދޭނެ މަސައްކަތެއްތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ. މިއީ ރާއްޖޭގައި ފާނަ ބޮޑުކުރުމަށް ފެށި މިފަދަ ފުރަތަމަ ޕްރޮޖެކްޓްވެސްމެއެވެ.
މެރިކަލްޗަރ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސީނިއަރ ބަޔޮލޮޖިސްޓް ހަސަން ޝަކީލް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ދިރާސާތައް ހެދުމާއި، މިކަމުގެ ތަމްރީން ދިނުމަށް ބޭނުންވާ ޖާގަ ނެތުންކަމަށެވެ. ނަމަވެސް މިހާރު މިކަމަށް ބޭނުންވާ ޖާގަ ލިބި މެރިން ސައިންސްގެ ދާއިރާއިން ތަމްރީންވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ޚާއްސަ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަކީލް ވިދާޅުވިއެވެ.
"މަނިއަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑެމޮސްޓްރޭޝަން ފެސިލިޓީއެއް ހަދަމުންދަނީ. މިތަނުގައި ތަމްރީނާއި އަދި ދިރާސާ ކުރުމަށް ލެބް ހުންނާނެ. އަދި މެރިކަލްޗަރ މަސައްކަތައް ބޭނުންވާ ކުދި ފާނައާއި ހުއިފިލަނޑާ ފޯރުކޮށްދޭން ހެޗަރީއެއްވެސް ހަދަމުންދަނީ." ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދަޅުވީ ތަމްރީންދޭ މަރުކަޒުގެ މަސައްކަތް މިއަހަރު ނިންމާނެކަމަށެވެ. އަދި ހެޗަރީގެ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށެވެ. މީގެއިތުރުން ކަނޑުފަޅުގެ ދިރުންތަކުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހެލްތު ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
"އެކުއަޓިކް އެނިމަލް ހެލްތު ފެސިލިޓީއެއްވެސް ހަދަމުންދަނީ ހުޅުލޭގައި. އެއީ ދިރޭ ތަކެއްޗައް ޖެހޭ ބަލިތައް ދެނެގަނެ ރައްކާތެރިކުރަން ހަދާ ފެސިލިޓީއެއް. މި ޚިދުމަތް މިއަހަރު ފަށާނަން." ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ މިފަދަ މަސައްކަތްތައް ރާއްޖޭގައި ހިންގުމުގައި ބަލަނީ އާ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި، ރާއްޖެ ކައިރި ޤައުމުތަކުގައި ކާމިޔާބުކަމާއެކު މި މަސައްކަތްތައް ކުރަމުން އަންނަ މޮޑެލްތައް ތަޢާރަފްކުރުމަށްކަމަށެވެ.
މެރިން ސައިންސާއި، މެރިކަލްޗަރ ދާއިރާއިން ތަމްރީން ދިނުމާއި، ކޯސްތައް ހިންގުމަށް، ވޮކޭޝަނަލް ޓްރެއިނިންގ ކޯސްތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. މީގެކުރިން މިފަދަ ތަމްރީންތައް ދެމުން އައިސްފައިވަނީ މެރިން ރިސަރޗް އިންސްޓިޓިއުޓްގެ މުޢައްޒަފުން ރަށްރަށަށް ގޮސްގެން ނުވަތަ ރަށްރަށުން މީހުން މާލެ ގެނެސްގެންނެވެ. މި ދާއިރާގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް، ޓްރެއިނަރުންގެ މަދުކަންވެސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ފާހަގަކުރެއެވެ.