ޚަބަރު

މަޑަވެލި އަލިފާނުގެ ހާދިސާ: ސަރުކާރުން 8 މީހަކަށް ބޯހިޔާވަހިކަން ދީ މާލީ އެހީ ދަނީ ދެމުން


ގދ.މަޑަވެލި ނާރެސްގޭގައި މިމަހުގެ 9ވަނަ ދުވަހު ހިންގި އަލިފާނުގެ ޙާދިސާ އާއި ގުޅިގެން އެ އާއިލާއަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީން ވިދާޅުވީ އެމީހުން މިހާރުވެސް ތިބީ ޑިޒާސްޓަރގެ ބެލުމުގެ ދަށުގައި ވަގުތީ ބޯހިޔާވަހިކަމުގައި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް އާއި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ޙާދިސާ ހިނގި ދުވަހުން ފެށިގެން އެ ގޭގެ 8 މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު އެމީހުން ތިބީ ހޯޑެއްދޫގައި ހުރި ރޯހައުސްގެ 4 ކޮޓަރީގެ އެޕަރޓްމަންޓެއްގައިކަމަށް ހިސާން ވިދާޅުވިއެވެ. އަދި މި މީހުންގެ ގޭގެގ ކުއްޔަށާއި ކެއިންބުއިމަށްވާ ފައިދާވެސް ދެމުން ދާކަމަށް ހިސާން ވިދާޅުވިއެވެ.

އެމީހުންނަށް 10 ދުވަހަށް އެހީދިނުމަށް ނިންމި ނަމަވެސް، އިތުރު 10 ދުވަހަށް އެހީ ދިނުމަށް ނިންމާފައި ވާކަމުގައި ހިސާން ވިދާޅުވިއެވެ. އެ އާއިލާގައި ތިބި ސްކޫލަށްދަ އުމުރުގެ ކުދިން ކިޔަވަން ދިއުމަށް ބޭނުންވާ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ. އަދި އަންނައުނު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.

އަލިފާނުގެ ޙާދިސާއާއި ގުޅިގެން ނާރެސްގެއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހަދަމުންދާކަމަށް އެންޑީއެމްއޭއިންވަނީ ބުނެފައެވެ.

ހިސާން ވިދާޅުވީ ގެއްލުމުގެ މަޢުލޫމާތުތައް ކައުންސިލުން އެންޑީއެމްއޭ އާއި ޙިއްސާކުރިހާ އަވަހަކަށް، ގެއަށާއި ހިފައިގެންގުޅޭ ތަކެއްޗައް ލިބުނު ގެއްލުމާއި ގުޅިގެން ސަރުކާރުން ދޭ އެހީ ދިނުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށެވެ.

މި ގޮތުން އެ އެހީދޭނީ އަލިފާނުގެ ޙާދިސާތަކުގައި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ.