ހުުކުރުދުވަހުގެރޭ ހުޅުމާލޭ 108 ނަންބަރު ފްލެޓް ކައިރީ އާއްމުންނާއި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުން އަންހެނެއްގެ މޫނުމަތި ފަޅާލިކަމަށްބުނާ މައްސަލައެއް ބަލަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ 108 ނަންބަރު ފްލެޓްކައިރިއަށް ޢާއްމުން އެއްވެ މުޒާހަރާކޮށް އަޑު އުފުލާފައިވަނީ، ދެއަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި އިޙުމާލުވާ އެކުއްޖާގެ ބައްޕަ އެފްލެޓްގައި އެވަގުތު ހުރުމާ ގުޅިގެންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެދު ޢުމުރުގެ އަންހެނެކަށް ފުލުހެއްގެ ސަބަބުން އަނިޔާވި މައްސަލައެއް ބަލަމުންދާކަމަށެވެ. އަދި މިކަމާގުޅިގެން އަންހެން މީހާގެ ޢާއިލާއާވެސް ވާހަކަދައްކާފައިވާކަމަށާ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޓީމެއް އެމީހާއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި މިމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.
އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޮއާއި ވީޑިއޯ ސޯޝަލް މީޑިއާއިން ދަނީ ދައުރުވަމުންނެވެ. އެކަމާގުޅިގެން އަންހެންމީހާގެ އާޢިލާއިން ބުނެފައިވަނީ އޭނާ ގޭގެ ދޮރުކައިރިއަށް ބޭރަށް ނިކުތީ އަޑުގަދަވެގެން އުޅޭގޮތެއް ބަލާލަންކަމަށެވެ. އަދި އެންމެން ގެއަށްވަންނަން ގޮވި ޕޮލުހުންގެ މީހަކު އަންހެންމީހާ ކޮއްޕާ ވައްޓާލީކަމަށެވެ. އޭނާގެ މޫނު މައްޗައް ލިބިފައިވާ ޒަޙަމުތަކަކީ ކޮއްޕާލި ވަގުތު ސައިކަލުތަކެއްގެ މައްޗައް ވެއްޓި ލިބުނު ގެއްލުންތަކެއްކަމަށް އާއިލާއިންވަނީ ބުނެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އަންހެން މީހާގެ މޫނުމަތިން ވަރަށް ބޮޑަށް ލޭ އައިސް އަނިޔާވެފައިވެއެވެ.
17ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހިންގި ހަމަނުޖެހުމުގައި ޢާއްމުންނާއި ފުލުހުންނަށްވެސް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. މިއެއްވުމުގައި ހަމަނުޖެހުން އުފައްދައިގެން 27 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.