ވިޔަފާރި

މިއީ ދުނިޔޭގައި 5 ވަނައަށް އެންމެ އަގުބޮޑު ކޮޓަރި!


ދުނިޔޭގެ އެންމެ އަގުބޮޑު ރިސޯޓް ހޮޓާ ކޮޓަރިތަކުގެ ލިސްޓުގެ 5 ވަނަ ރާއްޖޭގެ ރިސޯޓެއްގެ ވިލާއަކަށް ލިބިއްޖެއެވެ.

މަޤްބޫލް ޕްރައިވެޓް ޖެޓް ލައިފްސްޓައިލް މެގަޒިންއެއްކަމަށްވާ އެލިޓް ޓްރެވަލަރއިން ނެރެފައިވާ ލިސްޓުގައި ދުނިޔޭގެ އެންމެ އަގުބޮޑު 100 ކޮޓަރީގެ މައުލޫމާތު އާންމުކޮށްފައެވެ.

މިލިސްޓުގައި ދުނިޔޭގެ އެންމެ އަގުބޮޑު ހޮޓާތަކާއި ރިސޯޓްތަކުގެ ކޮޓަރިތައް ހިމެނޭއިރު، މިލިސްޓުގެ 5 ވަނަ ލިބިފައިވަނީ ރާއްޖޭގެ ރިސޯޓެއްކަމަށްވާ ކޮންރަޑް މޯލްޑިވްސްގެ "ދަ މުރަކަ" ވިލާއަށެވެ. ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް މޫދުގައި ހަދާފައިވާ މި ވިލާއަކީ ދުނިޔޭގެވެސް ފުރަތަމަ އަންޑަރވޯޓަރ ވިލާއެވެ. މިވިލާ ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. މިތަނުގައި 1 ރޭ ހޭދަކުރުމަށް 50،000 ޑޮލަރު ދައްކަންޖެހެއެވެ.

މި ވިލާ ފަރުމާކޮށްފައިވަނީ 2 ފަންގިފިލައަށެވެ. އެގޮތުން މޫދުގެ މަތިން އެއް ފަންގިފިލާ ފެންނަން ހުންނައިރު، އަނެއް ފަންގިފިލާ ހުންނާނީ ކަނޑުގެ 5 މީޓަރު އަޑީގައެވެ. މި ވިލާގެ އިންޓީރިއަރ ޑިޒައިންކޮށްފައިވަނީ ރަންގަލި އައިލެންޑް ރިސޯޓު ހިންގާ މައި ކުންފުނި ،ކްރައުން ކޮމްޕެނީގެ އާކިޓެކްޗަރުންނެވެ. އަދި މި ވިލާ ހަދާފައިވަނީ އެކުއޭރިއަމް ޓެކްނޮލޮޖީއަށް ޚާއްޞަ ނިއުޒިލޭންޑުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެމް.ޖޭ މާރފީ ލިމިޓެޑުންނެވެ.

ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ޙަރުދުކޮށްގެން ހަދާފައިވާ މި ވިލާގައި ބެޑްރޫމަކާއި، ލިވިންގ އޭރިޔާއެއްގެ އިތުރުން ޖިމަކާއި، ޑައިނިން ރޫމްއަކާއި، ޕޫލްއެއްވެސް ވަނީ ހިމަނާފައެވެ. އަދި މިތަނުގެ އެންމެ ހިތްގައިމުކަމަކީ، ކަނޑުއަޑީގެ ގުދުރަތީ މުއްސަނދިކަމުގެ އިތުރަށް އިރުއަރާ މަންޒަރާއި، އިރުއޮއްސޭ މަންޒަރުވެސް ރީތިކޮށް ފެނުމެވެ.

އެލިޓް ޓްރެވަލަރއިން ނެރެފައިވާ ލިސްޓުގައި ހިމެނޭ އެހެން ކޮޓަރިތަކަށް ބަލާލާއިރު، ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ލާސް ވޭގަސްގެ ޕާރމްސް ކެސިނޯ ރިސޯޓްގެ "ދަ އެންޕަތީ ސުއިޓް"އަށެވެ. މިތަނުގައި އެއްރޭ ހޭދަކުރުމަށް 200،000 ޑޮލަރު ހޭދަވެއެވެ.

މި ލިސްޓުގެ 2 ވަނަ އިގައި ހިމެނެނީ ސްވިޒަލޭންޑުގެ "ރޯޔަލް ޕެންޓްހައުސް ސުއިޓް" އެވެ. މިތަނުގެ އަގު ރެޔަކަށް އުޅެނީ 81،000 ޑޮލަރުގައެވެ.

3 ވަނައިގައި ނިއުޔޯކްގެ "ދަ މަރކް ޕެންޓްހައުސް" ހިމެނޭއިރު މިތަނުގެ އަގަކީ 75،000 ޑޮލަރެވެ.

ލިސްޓުގެ 4 ވަނައިގައި ހިމެނެނީ ސްވިޒަލޭންޑުގެ " ދަ އިންޕީރިއަލް ރެސިޑެންސްއެވެ. މިތަނުގެ އަގަކީ 59،000 ޑޮލަރެވެ.