ކުޅިވަރު

އަހަރުގެ މެދުތެރެއިން ސީޒަން ފަށައިގެން ވީ ފައިދާއެއް ނެތް: ސުޒޭން


ދިވެހި ފުޓްބޯޅައަށް އަދިވެސް ފައިދާ ކުރާނީ މާޗް ހިސާބުގައި ސީޒަން ފެށުމުންކަމަށް ތަޖުރިބާކާރު ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.

މިދިޔަ އަހަރުގެ ސީޒަންއަށް ގެނައި ބަދަލާއެކު އެފްއޭއެމްއިންވަނީ މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާފައެވެ. އެފްއޭއެމްއިން އޭރުގައި ބުނެފައިވަނީ ފުޓްބޯޅަ ސީޒަން އަހަރުގެ މެދުތެރެއިން ފަށަން ނިންމާފައިވަނީ ކުލަބްތަކަށް ފަރިތަކުރުމަށް ވަގުތު ދިނުމާއި، ސްޕޮންސަރުން ހޯދުމަށް ފަސޭހަވާނެކަމަށް ބަލާފަކަމަށެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން ކޯޗް ޢަލީ ސުޒޭން ބުނީ އެފްއޭއެމްއިން އެންމެ ފުރަތަމަ އަހަރުގެ މެދުތެރެއިން ފުޓްބޯޅަ ސީޒަން ފަށަން ނިމުމުންވެސް އެކަމާއި ދެކޮޅަށް ވާހަކަދައްކާފައިވާނެކަމަށާއި މިއަދު އެވާހަކަ އަލުން ތަކުރާރު ކުރާއިރު، ފުޓްބޯޅަ ސީޒަން އަހަރުގެ މެދުތެރެއިން ފަށައިގެން ކުލަބްތަކަށް ވީ ފައިދާއެއް ނެތްކަމަށެވެ. ކުލަބްތަކުގެ މެނޭޖްމަންޓް ރަގަނޅު ކުރުމަށް ވަގުތު ލިބޭނެކަމަށް ބުނި ނަމަވެސް، ރާއްޖޭގެ ފުޓްބޯޅަ ކުލަބްތަކުގެ ޙާލަތު އެންމެންނަށްވެސް އެގޭކަމަށާއި ކުލަބްތަށް ރަނގަޅުވާނީ ޢިލްމީ، ފުޓްބޯޅަ ދެކެ ލޯބިވާ ބައެއް ކުލަބްތަކަށް ހިންގުމާއި ހަވާލުވާ ދުވަހަކުންކަމަށްވެސް ކޯޗް ސުޒޭން ބުންޏެވެ.

ސްޕޮންސަރުންނަށް ބާލާލިކަމަށް ވާނަމަވެސް، އަހަރުގެ މެދު ތެރެއިން އެއްވެސް ކުންފުންޏެންގެ އިސްތިހާރު ކުރަން މަޑުނުކުރާނެކަމަށާއި މިހާރު ފުޓްބޯޅަ ކުލަބްއެއް ސްޕޮންސާރކޮށްގެން ކުންފުނިތަކަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެކަމަށްވެސް ކޯޗް އަލީ ސުޒޭން ބުންޏެވެ. ނަމަވެސް މާޗް ހިސާބުގައި ފުޓްބޯޅަ ސީޒަން ފަށާނަމަ، އަދިވެސް ފުޓްބޯޅައަށް މާ ފައިދާ ކުރާނެކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ސުޒޭން ބުންޏެވެ.

ސީޒަން ފަށާ ތާރީޙަށް ވުރެއްބޮޑަށް ކުލަބްތަކުގެ ހިންގުން ރަނގަޅު ކުރަންޖެހޭކަމަށާއި ޒިންމާދާރު ބައެއް ކުލަބްތަށް ހިންގަން އައިސްގެން ނޫނީ މިހާރު ދިވެހި ފުޓްބޯޅަ މިއޮތް ހާލަތުން އަރައިގަންނަން އުދަގޫވާނެކަމަށްވެސް ތަޖްރިބާކާރު ކޯޗް އަލީ ސުޒޭން ބުންޏެވެ. އަދި ކުލަބްތަށް ހިންގަން އަދި ހަމައެކަނި ފައިސާ ލިބިގެންވެސް ނުވާނެކަމަށާއި ކުލަބްތަށް ހިންގޭފަދަ ޤާބިލް މީހުންވެސް ބޭނުންވާކަމަށް ސުޒޭން ބުންޏެވެ.