ޚަބަރު

ސްޓެލްކޯއިން ހިލޭ ލެޑް ބޮކި ބެހުމުގެ ހަރަކާތެއް ފަށައިފި


ސްޓެލްކޯއިން އެނަރޖީ ސޭވިންގ ލެޑް ލައިޓް ހިލޭ ބެހުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތުގައި ސާޅީސް ފަސްހާހެއްހައި ބޮކި ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ އެނަރޖީ ސޭވިންގ ލެޑް ބޮކި ބެހުމުގެ ހަރަކާތަކީ ތިމާވެއްޓާއި ރައްޓެހި ކަރަންޓުގެ ވަސީލަތްތައް ބޭނުންކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެެ. މިއީ އިންޑިއާ އާއި ޗައިނާއިން، ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ލެޑް ބޮތްކެވެ. މި ބޮކިތައް ބަހަނީ ހަކަތަ ފޯރުކޮށްދިނުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށެވެ.

ސްޓެލްކޯއިން ލެޑް ބޮކި ބެހުމުގެ ހަރަކާތް މާލޭގެ 10 ސަރަޙައްދާއި ހުޅުމާލޭގެ 4 ސަރަޙައްދެއްގައި ދަނީ ކުރިއަށްގެންދަމުންނެވެ. ސްޓެލްކޯގެ އެޑްމިން ސުޕަވައިޒަރ މުޙައްމަދު ވަހީދު ޕީއެސްއެމްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކުރިންވެސް ބޮކި ބެހުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މިފަހަރު މި ފެށި ބޮކި ބެހުމުގެ ޕްރޮގްރާމަކީ މީހުން ނުގެގޮސް މިހާތަނަށް ހުރި ބޮކިތައް އާއްމުނަށް ބަހައި ހުސްކޮށްލުމަށް ފެށި ހަރަކާތެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތަކަށްވެސް މި ބޮކި ލިބޭނެ. އައިޑީ ކަރޑް ގެނައީމަ ކޮންމެ އައިޑީކާޑަކަށް 4 ބޮކި ދެނީ. ކޮންމެ މީހަކަށް ގިނަވެގެން ގެނެވޭނީ 2 އައިޑީ ކާޑު." މުޙައްމަދު ވަހީދް ވިދާޅުވިއެވެ..

މިހަރަކާތް ބޮކިތައް ހުސްވަންދެން ކުރިއަށްގެންދާނެކަމަށް މުޙައްމަދު ވަހީދު ވިދާޅުވިއެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ބޫތުތައް ބަހަޓައިގެން ކުރިއަށްގެންދާ ހަރަކާތް މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ ނަމަވެސް، ބާކީ ހުންނަ ބޮކިތައް ސްޓެލްކޯ ހެޑް އޮފީހުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ލެޑް ބޮކި ބެހުމުގެ ކަންކަން ކުރިއަށްގެންދާ ސަރަޙައްދުތައް:
- ސްޓެލްކޯ ހެޑް އޮފީސް،
- އޮލިމްޕަސް ކުރިމަތި،
- ގާކޮށި ޕްލެޓްތެރެ ޕާކު،
- ކާނިވާ،
- ވެސްޓް ޕާކު ސަރަޙައްދު،
- ދަރުމަވަންތަ ހޮސްޕިޓަލް
- ކައިރި ޕާކު ސަރަޙައްދު
- ސަލްޓަން ޕާކު ސަރަޙާއްދު އެވެ.

މި ހަރަކާތުގައި 45ހާސް ބޮކި ބެހުމަށްވަނީ ހަމަޖެހިފައެވެ. މިހާރުވެސް ބޮކި ބަލައި ގިނަ އަދަދެއްގެ މީހުންދަނީ އަންނަމުންނެވެ. މާލޭގެ އިތުރުން އަތޮޅުތަކަށް ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށުގެ ސްޓެލްކޯ އޮފީސްތަކުގައިވެސް ބޮކި ބެހުމުގެ ކަންކަން ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ..