ޚަބަރު

މުނިކާފަ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ރެޑޯކް އޮވޭ


ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި ކާފައާއި މުނިކާފަ ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފިއެވެ.

ގދ. ކާޑެއްދޫއިން ވައިގެ މަގުން އެ ދެމީހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނެސްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އެ ދެމީހުން އެއަރޕޯޓުން ލޯންޗަކަށް އަރުވައިގެން ދޫނިދޫއަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގައި ތުޙުމަތު ކުރެވޭ ކުއްޖާގެ ބައްޕަ ފަރާތު އުމުރުން 62 އަހަރުގެ ކާފައާއި، 82 އަހަރުގެ މުނިކާފަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަނޑުހުޅުދޫއިންނެވެ. އަދި އެ ދެބަފައިންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާއިރު، އެ ދެމީހުން ދޫނިދޫއަށް ގެންގޮސްފައިވަނީ ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި ނުބޭއްތިއްބިގެންނެވެ. އެގޮތުން އެ އަތޮޅު ގެމަނަފުށްޓާއި ވިލިނގިއްޔަށް އެ ދެމީހުން ގެންދިޔުމުންވެސް، އެ ދެ ރަށުގެ ރައްޔިތުން ވަނީ އެ ދެމީހުން ރަށަށް ނޭރުވުމަށް ގޮވާލާ، މުޒާހަރާކޮށްފައެވެ. އަދި އެ ދެމީހުން މާލެ ގެނެއުމާ ހަމައަށް ބަހައްޓާފައިވަނީ ގދ. ކާޑެއްދޫ ސިފައިންގެ މަރުކަޒުގައެވެ.

2 އަހަރުން ދަށުގެ ތުއްތު ކުއްޖާއަށް ޖިންސީ އަނިޔާކޮށް "ރޭޕް" ކުރިކަމުގެ ތުޙުމަތު ކުރެވޭ ކުއްޖާގެ ކާފައާއި މުނިކާފައަކީ މީގެކުރިންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ފުރައްސާރަކުރުމުގެ ރިކޯޑު އޮތް ބައެކެވެ. އަދި ކުއްޖާގެ މުނިކާފަ އެ ރަށުގެ އެހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ.

މި މައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތްތަކާމެދު ޤާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދާއިރު، ގިނަ އަދަދެއްގެ އާއްމުން އިއްޔެ ހަވީރު ވަނީ ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދަށް އެއްވެ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާ ދެކޮޅަށް އަޑު އުފުލާފައެވެ.