ކުޅިވަރު

އެފްރިކާ ކަޕް ބާއްވާ ދުވަސްވަރާމެދު ކްލޮޕް ހިތްހަމަނުޖެހިއްޖެ


އެފްރިކާ ކަޕް ޖެނުއަރީ މަހު ބާއްވަން ނިންމުމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ކްލޮޕް ބުނީ މުބާރާތް މި މުބާރާތަކީ އޭނާ ވަރަށް ޝައުގުވެރިކަމާއެކު ބަލަމުންދިޔަ މުބާރާތެއް ކަމަށާއި ނަމަވެސް އޭނާ އަށް މިހާރު މުބާރާތަށް ކުރެވޭވަރަށްވުރެ ބޮޑަށް އިހްތިރާމް ކުރެވެން ނެތް ކަމަށެވެ.

"މީގެ ސަބަބުން ކުޅުންތެރިންނާއި ކުލަބުތަކަށްވާނެ ފައިދާއެއްނެތް. މިކަން ނިންމީ ކުޅުންތެރިން ގާތު އަހާފައެއްނޫން. ކޯޗުން ގާތު އަހާފައެއްނޫން. ނުވަތަ އެހެން ބަޔަކު ގާތުގައި އަހާފައެއްނޫން. ހަމަ ނިންމި ނިންމުމެއްމިއީ. މީގެ ސަބަބުން ވިއްޔާވާނީ ގެއްލުން. ތަފާތު އެސޯސިއޭޝަންތަކުން ނިންމާ މިފަދަ ނިންމުންތަކާމެދު ފީފާއިން ގޮތެއް ނިންމަންޖެހޭ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ އެފްރިކާކަޕް ޖެނުއަރީގައި ބާއްވާއިރު އެއީ ކުލަބުތަކުގެ އެންމެ މުހިންމު ދުވަސްވަރު ކަމަށާއި މިހެންވުމުން އެފްރިކާގެ ކުޅުންތެރިން ގަތުމުގައި ކުރިމަގުގައި އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ.

ލިވަޕޫލް ޓީމުގައި މިހާރު ވެސް އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މުހިންމު ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ ސެނަގާލްގެ ސާދިއޯ މާނޭ އާއި މި މަގާމު ކުރީ ދެ އަހަރު ހޯދި މިސުރުގެ މުހައްމަދު ސަލާހް އާއި ނަބީ ކެއިތާ އެވެ.

"އަހަރުމެން މި ކުޅުންތެރިން ވިއްކާނުލާނަން. އެކަމަކު އެފްރިކާއިން ކުޅުންތެރިން ހޯދާއިރު މިހާރު ވިސްނަންޖެހޭނެ. ދަތިތަކެއް ހުންނާނެ އެފްރިކާގެ ކުޅުންތެރިންނަށް ފުރުސަތު ލިބުމުގައި،" އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.