ކުޅިވަރު

ޔުނައިޓެޑްގެ ކެޕްޓަންކަން މެގުއާ އަށް


މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ހެރީ މެގުއާ އަށް ދީފި އެވެ.

ލެސްޓާ ސިޓީން 80 މިލިއަން ޕައުންޑަށް މީގެ ފަސް މަސް ކުރިން ޓީމާ ގުޅުނު ޑިފެންޑަރަށް ކެޕްޓަންކަން ދޭން ނިންމީ ޓީމުގެ ކެޕްޓަން އޭޝްލީ ޔަންގެ އިޓަލީގެ އިންޓަމިލާނަށް ބަދަލުވާން ނިންމުމުންނެވެ.

ކޯޗު އޮލޭގަނާ ސޯލްޝެއާ ބުނީ ޔަންގް ފުރަތަމަ 11 އަށް ނާރާތީވެ ކެޕްޓަންކަން މި ސީޒަނުގައި ކުރި ކުޅުންތެރިންގެ ތެރެއިން ލީޑަރެއްގެ ކޮލިޓީ އެންމެ ބޮޑަށް ފެނުނީ މެގުއާގެ ކިބައިން ކަމަށެވެ.

އޭނާގެ އިތުރުން ކެޕްޓަންކަން ކޮށްފައިވަނީ ފޯވަޑް މާކަސް ރަޝްފޯޑާއި ކީޕަރު ޑޭވިޑް ޑެހެޔާ އެވެ.

"ޔަންގް އަށް މިހާރު 35 އަހަރު. މިހެންވީމާ އަށް ކޮންމެވެސް ތާކުން ދެ އަހަރުގެ ކޮންޓްރެކްޓެއް ލިބުމުން އަހަންނަށް ހީވަނީ އެއީ ވަރަށް ރަނގަޅު ފުރުސަތެއްހެން. އެއީ އަހަރުމެންނަށް އޭނާ އަށް އެވަރުގެ ކޮންޓްރެކްޓެއް ނުދެވޭނެ،" އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.

ކޯޗު ބުނީ ޔަންގް އަކީ ޔުނައިޓެޑަށް ގިނަ ތަށިތަކެއް ހޯދައިދީފައިވާ އަދި ކުލަބަށް ވަރަށް ހިދުމަތްތެރި ކުޅުންތެރިއެއް ކަމަށެވެ.

"އެކަމަކު ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ. އޭނާ އަށް މިއީ ކުލަބާ ވަކިވާން ވަރަށް ރަނގަޅު ފުރުސަތެއް. އޭނާގެ ހިދުމަތް އަހަރުމެން ބަލައިގަންނަން. އަދި ކާމިޔާބީއަށް އެދެން،" ސޯލްޝެއާ ބުންޏެވެ.