ޚަބަރު

ޙަރާމް ގޮތުގައި ހޯދާ ފައިސާއިން ދެދުނިޔޭގައިވެސް އޮތީ ގެއްލުން - ޚުތުބާ


ޙަރާމްގޮތުގައި ހޯދާ ފައިސާއިން ދެދުނިޔެގައިވެސް އެއްވެސް ފައިދާއެއް ނުކުރާނެކަމަށާ، އެނުބައި އާދައިން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކު އިސްލާމީމަރުކަޒުގައި ދެއްވި ޚުތުބާގައިވަނީ ދީނުގައި ޙަރާމްގޮތުގައި ހޯދާ ޢަމްދަނީއާއި ޙަރާމް ތަނަވަސްކަން މަނާކުރާ މިންވަރު ހަނދާންކޮށްދެއްވާފައެވެ. އަދި ﷲގެ ވާގިފުޅާއެކު ބުރަމަސައްކަތްކޮށްގެން ހޯދާ މަދު ޢާމްދަނީގައިވެސް އެކަލާނގެ ބަރަކާތްއިތުރުކޮށްދެއްވާކަން ވަނީ ހާނދާންކޮށްދެއްވާފައެވެ.

ދުނިޔެގައިވެސް ވަގުތީ އުފަލެއް މެނުވީ ޙަރާމް ފައިސާއާއި ކޮރަޕްޝަންގެ ޢަމަލުތަކުން ނުލިބޭނެކަން ފާހަގަކުރައްވަމުން މުފްތީ މެންކް ވިދާޅުވީ އެއީ ޤިޔާމަތްދުވަހުން އެމީހާ ނުރައްކަލަށް ހުށަހެޅޭނެ ނުބައި ކަމެއްކަން އަބަދު ހަނދާންކުރަންޖެހޭކަމަށެވެ.

މާތްﷲ އެމީހެއްގެ މުދާ އިތުރުކޮށްދެއްވައިފިނަމަ އެމީހަކު ﷲގެ މަގުގައި ހޭދަކުރުން އިތުރުކުރުމަށް މިއަދުގެ ޚުތުބާގައިވަނީ ބާރުއަޅުއްވާފައެވެ. އަދި އެއީ މުދާ އިތުރުވެ މުދަލުގައި ބަރަކާތްލައްވާނެކަމެއްކަން ބަޔާންކުރައްވައި ޚުޠުބާގައި ވިދާޅުވެފައިވަނީ އެމީހެއްގެ މުދާ އިތުރުވުމުން ބޮޑާވެގަތުމަކީ އަމިއްލައަށް ހަލާކުގެ ތެރެއަށް ހުށަހެޅިގަތުންކަމަށެވެ.

އިސްލާމީ މަރުކަޒުގައި މިއަދު އިމާމުވެވަޑައިގެން ހުކުރުކުރެއްވީ ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކެވެ. މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޚުތުބާ ދެއްވާފައިވަނީ ހަލާލުގޮތުގައި ފައިސާ ހޯދުން މި މައުޟޫޢުގެ މައްޗަށެވެ.