ޚަބަރު

ހުޅުމާލެއަށް ލައިބްރަރީއެއް މުހިއްމު، އެކަމުގެ މަޝްވަރާ ދަނީ ކުރިއަށް - ސުޙައިލް


ހުޅުމާލެއަށް މިހާރުވެސް ލައިބްރަރީއެއް މުހިއްމުކަމަށާ އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބޭއްވި ހޮޅިއަށި ޕްރޮގްރާމުގެތެރެއިން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސުޙައިލް ވިދާޅުވީ ހޮޅިއަށި ޕްރޮގްރާމުގެ ތެރެއިން ޒުވާނުންވެސް މިކަމަށް ބޭނުންވެފައިވާކަން އެނގިގެންގޮސްފިކަމަށެވެ. މިއީ މިވަގުތު ހުޅުމާލެއަށް މުހިއްމުކަމެއްގެ ގޮތުގައި އެޗްޑީސީންވެސް ދެކޭކަމަކަށްވާތީ މިކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުއްމީދުކުރަނީ އަވަސްމުސްތަގުބަލެއްގައި ހުޅުމާލެއަށް ލައިބްރަރީއެއް ޤާއިމުވެގެންދިޔުންކަމުގައި އޭނާ ވިދާޅުވިއެވެ.

"މިޕްރޮގްރާމުގައި ބައިވެރިން ހުށައަޅާއިފި، ހުޅުމާލޭގައިވެސް ލައިބްރަރީއެއް ހެދުމަށް. ކަންދިމާކުރިގޮތުން މިވާހަކަތައް ކުޑަދުވަސްކޮޅެއް ކުރިންވަނީ ފެށިފައި. އެއީ ހުރިހާ ޔުނިވަރސިޓީ ކޮލެޖުތައް އައުމުން މިއީ ހުޅުމާލެއަށް މުހިއްމުކަމެއް." ސުޙައިލް ވިދާޅުވިއެވެ.

ހޮޅުއަށި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަތުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ޒުވާނުންގެ މަޖިލީހާއި އެޗްޑީސީ ގުޅިގެން ކުރިއަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މަހަކު އެއްފަހަރު ބޭއްވުމަށް ޒުވާނުންގެ މަޖްލީހުން ކުރިއަށްގެންދާ މިޙަރަކާތަކީޒުވާނުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންގެ ކަންބޮޑުވުންތައް ދެނެގަނެވި އެކަމަށް އެދެވޭ ޙައްލެއް ގެނައުމަށް ކަންކަން ނިންމާ ފަރާތްތަކަށް ފަސޭހަވެގެންދާނެކަމަށް ޒުވާނުންގެ މަޖިލީހުން ހުޅުމާލެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އައްޒާމް ލަތީފު ވިދާޅުވިއެވެ.

"މިއީ ހުޅުމާލޭގަ ބާއްވާ ފުތަރަމަ ހޮޅުއަށި ޕްރޮގްރާމް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ މިޕްރޮގްރާމުގައި ހުށައަޅާކަންކަމާއި މައްސަލަތަކަށް އެދެވޭ ޖަވާބެއް އަންނަ މަހު ބާއްވާ ޕްރޮގްރާމުގައި ދެވޭނެގޮތަކަށް. މިއީ ކުރިއާ ޚިލާފަށް ދެފަރާތަށްވެސް ވާހަކަދެއްކޭނެ ފުރުސަތު ލިބޭ ފޯރަމަކަށްވުމުން މީގެއިން ނަތީޖާ ނިކުންނާނެ." އައްޒާމް ވިދާޅުވިއެވެ.

މަހަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގައި ކުރިއަށް އޮތަނުގައި ޒުވާނުންގެ ކަންބޮޑުވުން ހުރި ދާއިރާތަކާ ޙަވާލުވެ ތިއްބެވި ވަޒީރުންނާއި މަޖްލީސް މެމްބަރުންނާއި މުވައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށް ޔޫތް ކައުންސިލުން ވިދާޅުވެއެވެ. އަދި މިޕްރޮގްރާމު ރަށްރަށުގައި ބާއްވަން ބޭނުންވާ ރަށްރަށުން އެރަށެއްގެ ޒުވާނުންގެ ޖަމްޢިއްޔާތައް މެދުވެރިކޮށް ޔޫތް ކައުންސިލަށް ހުށައެޅުމުން އެކަންވެސް އެފުރުސަތުވެސް އެބައޮތްކަމަށް ޔޫތް ކައުންސިލުން މަޢުލޫމާތުދެއެވެ. މިޕްރޮގްރާމުގެ ތެރެއިންވަނީ ޒުވާނުންނަށް ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭ މަޢުލޫމާތު ޔޫތް މިނިސްޓްރީގެ ފަރާތުންދެއްވާފައެވެ.