ޚަބަރު

ހުރިހާ އިންތިޚާބެއް އެއް ދުވަސްވަރެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު


ޤާނޫނަށް ބަދަލުގެނެސް ހުރިހާ އިންތިޚާބެއް އެކީގައި ބާއްވަން ކަނޑައަޅައިފިނަމަ އިންސާފުވެރިކަމާއެކު އިންތިޚާބުތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން ފުރިހަމައަށް ތައްޔާރަށް އޮތްކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހުރިހާ އިންތިޚާބެއް އެއް ދުވަސްވަރެއްގައި ބޭއްވުމަށް ތާއީދުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅަށް އިލެކްޝަންސް ކޮމިޝަނުންވަނީ މަރުޙަބާ ވިދާޅުވެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ 3 އިންތިޚާބު އެކީގައި ބޭއްވުމަށް ޤާނޫނަށް ބަދަލު ގެނެސްފިނަމަ، އިންތިޚާބުތައް އިންސާފުވެރިކަމާއެކު ބޭއްވުމަށް އެއްވެސް ހުރަހެއް ކޮމިޝަނަށް ނެތްކަމަށެވެ.

ޝަރީފް ވިދާޅުވީ އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 އިންތިޚާބެއް ކަމަށާ، އެ އިންތިޚާބުތަކަށްވެސް އިލެކްޝަންސުން ދުރާލާ ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ އިންތިޚާބެއް އެކީގައި ބޭއްވިއްޖެނަމަ ދައުލަތުގެ ބަޖެޓުން އިންތިޚާބުތަކަށް ކުރާ ޚަރަދުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ދެކޭކަމަށެވެ. އަދި މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އިންތިޚާބުތައް ބާއްވަމުންދާގޮތަކަށްވާއިރު މިގޮތަށް މިކަން ރާއްޖޭގައި ނުކުރެވެންވީ ސަބަބެއްނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޮންމެ އިންތިޚާބަކީވެސް އިލެކްޝަންސް ކޮމިޝަނުން ވަރަށްގިނަ ތައްޔާރީތަކާއި، އާ ތަޖުރިބާތަކެއްކުރާ އިންތިޚާބުތަކަކަށްވާއިރު ކޮމިޝަނުން އެންމެބޮޑު އިސްކަމެއްދެނީ ކޮންމެ އިންތިޚާބެއްވެސް އިންސާފުވެރިކަމާއެކު ރައްޔިތުންގެ އިތުބާރުލިބޭނެ ގޮތަކަށް ބޭއްވުމަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ހުރިހާ އިންތިޚާބެއް އެއް ދުވަސްވަރެއްގައި ބާއްވައިފިނަމަ ޤައުމުގެ ތަރައްޤީ އަވަސްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ކަންކަން ހިންގުމުގައި ލަސްވާކަމެއްކަމަށެވެ. ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބު އެއް ދުވަސްވަރެއްގެ ބޭއްވުމުން ތަރައްޤީ އަވަސްވެގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.