ވިޔަފާރި

ރާއްޖޭގެ ތަރައްޤީއަށް އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި


8 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމާއި 5 ރަށެއްގެ ބަނދަރު ހެދުމަށް އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

އޯޕެކް ފަންޑުން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން އޮތީ ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް އޮޕެކް ފަންޑުން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ޑރ. އަބްދުލް ހާމިދް އަލް ޚަލީފާއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

50 މިލިއަން ޑޮލަރުގެ މި ލޯނަކީ 4.6 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި ދީފައިވާ ލޯނެކެވެ. ރާއްޖެއިން މި ލޯނު 5 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑާއެކު 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކަންޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ބަނދަރުތަކުގެ ތެރެއިން ދުވަސްވެ، ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ބަނދަރުތައް އަލުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިލޯނުގެ ދަށުން 5 ރަށެއްގައި އައު ބަނދަރުތައް ތަރައްޤީކުރާނެއެވެ. އެގޮތުން ބަނދަރު ހަދަން ހަމަޖެހިފައިވަނީ، ބ.ދޮންފަނު، ބ.ކުޑަރިކިލު، ބ.ކިހާދޫ، ގއ.ކޮލަމާފުށި އަދި ގއ.ހޯޑެއްދޫއެވެ.

ބަނދަރު ތަރައްޤީކުރުމުގެ އިތުރުން މިލޯނުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް 8 ރަށެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެރަށްތަކަކީ،
- ބ.ދަރަވަންދޫ
- ހދ. ނޭކުރެންދޫ
- ހދ.ނެއްލައިދޫ
- ހދ.މަކުނުދޫ
- ށ.ފޭދޫ
- ބ.ކެންދޫ
- ގދ.ވާދޫ
- ގދ.ފިޔޯރީ

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އޯޕެކް ފަންޑުން ދިން ލޯނުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅާފައިވަނީ ރަށްތަކުގެ ޙާލަތު ރަނގަޅަށް ދިރާސާކުރުމަށްފަހުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫޢާއެކު އަތޮޅުތަކުގެ 20 ހާސް މީހުންނަށް މި މަޝްރޫޢުގެ ސަބަބުން ފައިދާކުރާނެކަމަށެވެ. އަދި މި މަޝްރޫޢުއާއެކު ބައެއް ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު މި މަޝްރޫޢުގެ ބީލަން މަސައްކަތްތައް ކުރިއަށްދާކަމަށާއި މިއަހަރު ތެރޭގައި މަސައްކަތް ފަށާނެކަމަށެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން އޮޕެކް ފަންޑުގެ ޑިރެކްޓަރ ޖެނަރަލް ޑރ. އަބްދުލް ހާމިދް އަލް ޚަލީފާ ވިދާޅުވީ ރައްޖެއާއި އޯޕެކް ފަންޑާއި ދޭތެރޭ އޮތް ގުޅުމަކީ ޒަމާނުއްސުރެވެސް ބަދަހި ގުޅުމެއްކަމަށާއި އޯޕެކްގެ އުއްމީދަކީ ރާއްޖެއާއި ވީހާވެސް ގާތުން މަސައްކަތްކޮށް ތަރައްޤީއަށް ކުރާ ދަތުރުގައި ބައިވެރިވުންކަމަށެވެ.

ރާއްޖެއާއި އޮޕެކްއިން ވިޔަފާރީގެ ގުޅުން ކުރިއަށްގެންދާތާ މިއީ 42 ވަނަ އަހަރެވެ. އޮޕެކްއިން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ގިނަ ލޯނުތަކެއް ދޫކޮށްފައިވެއެވެ. އެންމެ ފަހުން އޮޕެކްއިން ރާއްޖެއަށް ލޯނު ދޫކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. 40 މިލިއަން ޑޮލަރުގެ މި ލޯނަކީ ރީޖަނަލް އެއަރޕޯޓުތައް ތަރައްޤީކުރުމަށް ކުރީ ސަރުކާރުގައި ނެގި ލޯނެކެވެ. މީގެ އިތުރުން މިހާރު ތަރައްޤީކުރަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރުޢޫއަކީ ވެސް އޮޕެކްގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.