ޚަބަރު

މަޖިލިސް އިންތިޚާބަށްފަހު މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފި


މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައްސަލައާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލާއި ފުލުހުންގެ އިސް ފަރާތްތަކާއެކުގައެވެ. މި ބައްދަލުވުމުގައި ވަނީ އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ޖިނާއީ މައްސަލަތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ސުންގަޑި ހަމަވިއިރު 39 ކެނޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައެއްނުވެއެވެ. ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައިވަނީ 347 ކެނޑިޑޭޓެކެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެނޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ކެނޑިޑޭޓުން ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެނޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ސުން ގަޑި ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ ފަރާތްތައް:

  • އަމިއްލަ ކެންޑިޑޭޓުން: 31
  • ޕީޕީއެމްގެ ކެންޑިޑޭޓުން: 2
  • ޕީއެންސީގެ ކެންޑިޑޭޓުން: 1
  • އަދާލަތުގެ ކެންޑިޑޭޓުން: 1
  • އެމްޓީޑީގެ ކެންޑިޑޭޓުން: 2
  • ލޭބަރ ޕާޓީގެ ކެންޑިޑޭޓުން: 2

އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް 2018 ވަނަ އަހަރު ގެނައި އިޞްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ޤާނޫނުގައި ބުނެފައިވެއެވެ.