ޚަބަރު

ކުޅުދުއްފުށީގައި ތަރައްޤީކުރާނީ އައު ޓަރޝަރީ ހޮސްޕިޓަލެއް - ރައީސް


ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ބަދަލުގައި، އެންމެ ފަހުގެ ވަސީލަތްތަކާއެކު ތަރައްޤީކުރާނީ އައު ޓަރޝަރީ ހޮސްޕިޓަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "އެޖެންޑާ 19 ރަށަށް" ކެމްޕޭންގައި ކުޅުދުއްފުށީ ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ތިލަދުންމަތީގެ އަދި ވަކިން ޚާއްސަކޮށް ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ލަޤަބު ލިބުމަކީ މި ސިޓީގެ ރައްޔިތުންގެ ބޮޑު ހުވަފެނެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ކުޅުދުއްފުށްޓަކީ އުތުރުގެ އިޤްތިޞާދުގެ މައި ހަބުގެގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ޕްލޭންގެ ދަށުން ސަރަހައްދީ ބަނދަރު ތަރައްޤީ ކުރުމާއި ޓަރޝަރީ ހޮސްޕިޓަލް ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީ ކުރުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ކުރީގެ ޕްލޭނާއި ޚިލާފަށް ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރާނީ އައު ޓަރޝަރީ ހޮސްޕިޓަލެއްކަން ރައީސުލްޖުހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"އެޖެންޑާ 19 ރަށަށް"ގެ ނަމުގައި އުތުރުގެ ރަށްރަށަށް ކުރެއްވި ދަތުރުގެ އެންމެ ފަހު ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްވަނީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފަށާނީ ތިލަދުންމަތިންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ކުޅުދުއްފުށި އޮޑިވެރިންގެ ޝަކުވާ އަޑުއައްސަވާ އެދުނު ކ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ކުޅުދުއްފުށި ސިޓީއަކީ މި ސަރަހައްދުގެ އިޤްތިޞާދީ މައި ހަބު. މި ޕްލޭންގެ ދަށުން ސަރަހައްދީ ބަނދަރު ތަރައްޤީ ކުރުމާއި ޓަރޝަރީ ހޮސްޕިޓަލް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކުރުމަށް ވަނީ ނިންމާފައި. ކުރީގެ ޕްލޭނާއި ޚިލާފަށް ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރާނީ އައު ޓަރޝަރީ ހޮސްޕިޓަލެއް. އަޅުގަނޑު މިއަދު މި ރަށު އޮޑިވެރިންނާއި ބައްދަލުކުރިން. އެފަރާތްތަކުން ވަނީ ނެރުގެ ފައިކަށި ބަދަލުކުރުމާއި، ބޭރު ތޮށީގައި އޮޑި ބަނދަރުކުރެވޭގޮތަށް ޕްލޭން ބަދަލުކުރާނަން އިނގޭތޯ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި އައު ޓަރޝަރީ ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހާމަކުރައްވާފައިވާއިރު، 2020 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލް ގާއިމްކޮށް ތަރައްގީ ކުރުމަށް ވަނީ ކަނޑައަޅާފައި. އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމަށް ބަޖެޓުގައި 51 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ސުޕަރ ސްޕެޝަލިޓީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރައީސް ޔާމީންގެ ދައުރުގައި ވަނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް އެ މަސައްކަތް އެދެވޭގޮތުގައި ނުކުރެވުމުން މި އެއްބަސްވުން ވަނީ އުވާލާފައެވެ.

އެމްޑީޕީން އުތުރުގެ ރަށްތަކަށް ކުރި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ދަތުރުގައި ހއ.އާއި ހދ.ގެ 10 ރަށަކަށް ވަނީ ދަަތުރުކޮށްފައެވެ. އަދި ކުޅުދުއްފުށި ސިޓީގައި އެމްޑީޕީގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން "ތިލަދުންމަތީ އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކޮންފަރެންސެއްވެސް ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކަށް ކައުންސިލަރުންނާއި ކައުންސިލަށް ކުރިމަތިލާ ފަރާތްތައް އަހުލުވެރިކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެން ތަރައްޤީގެ މަޝްރޫޢުތަކާއި މިއަހަރުގެ ބަޖެޓްގެ މަޢުލޫމާތު ވަނީ ޙިއްސާކުރައްވާފައެވެ.