ވިޔަފާރި

ހުޅުމާލޭ ބީޗް ސަރަޙައްދުގައި ކެފޭ ރެސްޓޯރަންޓް ހަދާކަށް ހުއްދައެއް ނުދޭނަން - އެޗްޑީސީ


ހުޅުމާލޭ ބީޗު ސަރަޙައްދުގައި ހޮޅި ވަޅުލައި ނިމުނުނަސް އެތަނުގައި ކެފޭ އަދި ރެސްޓޯރަންޓް ހެދުމަށް ހުއްދަ ނުދޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭ ބީޗު ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތައް ނިމުމުން އެތަން ތަރައްޤީކުރާނީ އާއްމުން ހިތްފަސޭހަކޮށްލުމަށް ދާ ތަނެއްގެ ގޮތުގައިކަމަށެވެ. އެގޮތުން އާންމުންނަށް އިށީނދެވޭ ގޮތަށް ބެންޗާއި ގޮނޑި އަދި ދުވާ ޓްރެކެއް ބީޗުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސުހެއިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފައިވަނީ ކެފޭތައް ނަގާފައި ޕަބްލިކް ސަރަޙައްދެއްގެ ގޮތުގައި ބީޗް ހެދުމަށް. އެގޮތުން އާންމުންނަށް އިށީދެލުމަށް ބެންޗާއި ގޮނޑިއާއި ހިނގާ ބިނގާވެ އަދި ކަސްރަތު ކުރުމަށް ޖޮގިންގ ޓްރެކެއް އެޅުމަށް ނިންމާފައި އިންނާނީ." ސުހެއިލް ވިދާޅުވިއެވެ.

ހުޅުމާލޭ ބީޗު ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދިޔަ ކެފޭ އަދި ރެސްޓޯރެންޓްތައް ބަނދުކޮށް، އެތަންތަން ބީޗު ސަރަޙައްދުން ނަގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ފެނުގެ ޚިދުމަތް ދިނުމަށް ހޮޅި ވަޅުލުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އޭހާ ހިސާބަށް ވެސް އެތަނުގައި ކެފޭ ރެސްޓޯރަންޓް ހިންގަމުން ދިޔައީ ސަރުކާރުން އެއްވެސް ހުއްދައެއް ނުނަގާ، އަދި ސަރުކާރަށް އެއްވެސް އަގެއްވެސް ނުދައްކާއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް ވިދާޅުވީ ހޮޅި ވަޅުލުމުގެ މަސައްކަތް އެއްކޮށް ނުނިމޭކަމަށާއި، އެމަސައްކަތް މިއަދު ނިންމާލެވޭނެކަމަށެވެ. އަދި މި މަސައްކަތް ނިމުމާއެކު މިއަހަރު ބީޗް ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓްވެސް މިހާރު ހަމަޖެހިފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ.

"ހޮޅިއެޅުމުގެ މަސައްކަތް އެއްކޮށް ނުނިމޭ. ނިމުނީމަ ފަށައިގަންނާނަން. މިއަހަރުތެރޭ ބީޗުގެ ޑިވެލޮޕްމެންޓް ފަށާނަން. މިކަމަށް ބޭނުންވާ ބަޖެޓް މިހާރު ވަނީ ނިމިފައި." ސުހެއިލް ވިދާޅުވިއެވެ.

ހުޅުމާލެ ބީޗް ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް އެތަންތަނުން ނަގާފައިވާއިރު، ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލެ ބީޗް ސަރަޙައްދަކީ އެސަރަޙައްދަށް މޫދަށްއެރި، ހިތްފަސޭހަކޮށްލަންދާ ފަރާތްތަކަށް އެކަށީގެންވާ މާހައުލަކަށް ހެދުމެވެ.