ވިޔަފާރި

ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުއެއްދީފިއެވެ.

މީރާ އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، ފައިސާ ދެއްކުން އިތުރަށް ފަސޭހަކޮށްދިނުމުގެ މަޤްސަދުގައި މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.

މި ޕޮލިސީގައި، މިހާތަނަށް ފައިސާ ނުދެއްކިވާ ފަރާތްތަކަށް ދޭ ޚާއްސަ އިނާޔަތެއްގެ ގޮތުން، 1 ޑިސެންބަރު 2019 އިން 29 ފެބުރުވަރީ 2020 ގެ ނިޔަލަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ހަމަޖެހިފައިވާކަމަށް މީރާއިން ވިދާޅުވެއެވެ. އެ ގޮތުން މި މުއްދަތު ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެއްބަސްވުމަކަށް އާދެވޭނެއެވެ. އަދި އާންމު އުސޫލުން އިންސްޓޯލްމަންޓްދޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ހަމަޖެހިގެންދާނެކަމަށްވެސް މީރާއިން ވިދާޅުވެއެވެ.

އެންފޯސްމަންޓް ޕޮލިސީއަށް މި ގެނައި އިސްލާހުގެ ދަށުން އުވާލާފައިވާ ވިޔަފާރިތަކުންވެސް ދައްކަންޖެހޭ ފައިސާ އިންސްޓޯލްމަންޓުގެ ދަށުން ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް ގެނައި އިސްލާހު މިހާރުވަނީ މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.