ޚަބަރު

މަޝްރޫޢުތައް ލަސްނުވާނޭ ގޮތަކަށް މުވައްސަސާތަކުގެ މަސައްކަތްތައް ބައްޓަން ކުރަންޖެހޭ - ރައީސް


ސަރުކާރުން ހިންގާ މަޝްރޫޢުތައް ލަސްނުވާނޭ ގޮތަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްތައް ބައްޓަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ކައުންސިލް އިންތިޚާބްގެ ކެންޕެއިންގެ ތެރެއިން ހދ.ވައިކަރަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވުމަކީ މިނިވަން މުއައްސަސާތަކުން ކުރައްވަންޖެހޭކަމެއް ކަމަށެވެ.

ދައުލަތުގެ ހިންގުމުގެ ބޮޑުބާރެއް ރައްޔިތުން ވަކި ފިކުރަކަށް ދީފައިވީ ނަމަވެސް ކަންކަން ހިނގާގޮތް ގާތުން ބެލުމަކީ މިނިވަން މުވައްސަސާތަކާއި ދައުލަތުގެ ބާރުތަކުން ކުރައްވަން ޖެހޭކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިންގުމުގައި ދަތިނުވާނެ ގޮތަކަށް، މަޝްރޫޢުތަކަށް މާބޮޑުތަނުން ލަސްނުވާނޭ ގޮތަކަށް ފާރަވެރިވުމަށް ރައީސް އެދިވަޑަިއގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުއެއްގައި ރައްޔިތެއްގެ ޝަކުވާއެއް އޮތްނަމަ އެކަން އޭސީސީން ސާފުކޮށްދެވަން ޖޭނެކަމަށެވެ. ނަމަވެސް ޝަކުވާ އެއް ހުށަހަޅާތާ އެއްމަސް ނުވަތަ ދެމަސްފަހުން އެކަމުގައި އެއްވެސް ގޯހެއް ނެތްކަން އެންގުމުން މަޝްރޫޢު ހިންގުމަށް ލަސްތަކެއް ކުރިމަތިވާކަމަށެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ހިންގަވަން ބޭނުންވާ މަޝްރޫޢުތައް ހިންގެވުމުގައިވެސް ބައެއް އިދާރާތަކުން ބަލަންޖެހޭ ކަންކަން ބެލުމުގައި ލަސްތަކެއް ދިމާވުމުން މަޝްރޫޢުތައް ހިންގުމަށް ދަތިތަކެއް ހުރިކަމުގެ ޝަކުވާ އެމަނިކުފާށް ލިވިފައިވާކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކާ އެއްގޮތަށް ވެރިކަން ހިންގަވަމުން އަންނަކަމަށެވެ.

އަދި ވެރިކަން ހިންގެވުމުގައި ސަރުކާރަށް ފާރަވެރިވާންޖެހޭ މިނިވަން މުވައްސަސާތަކުން މިއަދު ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަ ކުރައްވާފައެވެ.