ޓެރަރިޒަމާ ހައްދު ފަހަނައެޅުމާއި ދެކޮޅަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކަކީވެސް ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. މުފްތީ މެންކު މާލޭގައި ދެއްވާ ބޮޑު ދަރުސް މިރޭ 0830 ގައި ކާނިވާ ސްޓޭޖުގައި އޮންނާނެއެވެ.
ޓެރަރިޒަމާއި ދީނީ ގޮތުން ހައްދުފަހަނައެޅުމުގެ ގިނަ މައްސަލަތަކެއް ދިވެހި މިމުޖުތަމަޢުންވެސް އަންނަނީ ފެންމަތިވަމުންނެވެ. މިކަންކަމާއި ގުޅޭގޮތުން ސަރުކާރުން ކަމާ ގުޅޭ ތަޖުރިބާކާރުންނާއި ގުޅިގެން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދީނީ ހައްދުފަހަނައެޅުމާއި ދުނިޔެއާއި މުޖުތަމައުގައި ހުރި ކަންކަމާގުޅޭގޮތުން ޒުވާނުންނާ ގުޅޭގޮތަށް ދަރުސްދެއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުވަނީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންފައެވެ.
މުފްތީ މެންކުގެ ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ މުޖުތަމަޢުގައި ހުރި މުހިންމު މައްސަލަތަކާއި ގުޅޭގޮތުން މުފްތީ މެންކު ދަރުސްދެއްވާނެ ކަމަށެވެ. އަދި މުފްތީ މެންކު މުޅި ދުނިޔެއަށްވެސް މަޝްހޫރުވެވަޑައިގެންފައިވަނީ މީހުންނަށް ވިސްނޭ ގޮތަށް މައްސަލަތަކާއި މެދު ވާހަކަފުޅުދައްކަވާ ބޭފުޅެއްގެ ގޮތުގައިކަމަށެވެ. ޚާއްސަކޮށް ދުނިޔެއާއި ދީނީ ގޮތުން ޒުވާނުން އުފައްދާ ސުވާލުތަކަށް މުފްތީގެ ދަރުސްތަކުގައި އަލިއަޅުއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވި. ދަރުސްތަކަށް ވީހާވެސް ގިނަ ބަޔަކު ދިޔުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވަނީ ރާއްޖެއަށް އަންނަމުންދާ ޢުމްރާނީ ތަރައްޤީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ ފަދަ އިސްލާމީ ކުޑަކުޑަ ޤައުމަކުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ ވިދާޅުވީ މިފަދަ ތަރައްޤީ ލިބިގަތުމަށް ޤައުމުގައި ހަމަޖެހުން އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކަކީ ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމާއި، ދީނީގޮތުން އުފެދޭ ޚިލާފުތަކުގައި ގޮތްނިންމުމަށް ދިމާވާ ދަތިތަކަށް ދީނީގޮތުން އޮންނަ އުސޫލުތަކަށް މީހުން ހޭލުންތެރިކުރުމަށް ބާއްވާ ހަރަކާތްތަކެކެވެ. އެގޮތުން މާލޭގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ދީނީގޮތުން އުފެދިފައިވާ އެކި މައްސަލަތަކުގައި ދީނުގައި އެކަން އޮންނަ ޞައްހަ ގޮތާ ގުޅޭގޮތުންނެވެ. ކުޅުދުއްފުށީގައި ދަރުސްދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމް ދީނަކީ ކޮބައިކަމާއި ގުޅޭގޮތުންނެވެ. ސަބަބަކީ އިސްލާމް ދީނާއި ގުޅޭގޮތުން ބައެއް މީހުންގެ މެދުގައި އޮޅުން އަރާކަންކަން ހުންނާތީކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އައްޑޫގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މުސްލިމުން އިސްލާމްދީނާއި ދުރަށްދިޔުމާއި ދުރަށްދާ ސަބަބުތަކާއި ގުޅޭގޮތުންނެވެ.
މުފްތީ މެންކުގެ ދަތުރުފުޅަކީ މުޅިޤައުމަށް ފައިދާކުރާ ޙަރަކާތަކަށް ހެދުމަށް ދީނީ ޢިލްމު އުންގަންނާދެއްވާ ފަރާތްތަކަށް ޚާއްސަ ފޯރަމެއްވެސް ބޭއްވުމަށްވަނީ ރާވާފައެވެ. އެގޮތުން މި ފޯރަމްގައި ދީނީ އިޚްތިލާފުތަކާއި ދީނުގެ ދަޢުވަތު ފެތުރުމުގައި ދިމާވާ އެކި މައްސަލަތައް ޙައްލުކުރައްވާނެގޮތާއި ގުޅޭގޮތުން މަޝްވަރަކުރައްވާނެއެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި ހުރި ދީނީ އޮޅުންތަކާއި ހުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް ޚާއްސަ އިވެންޓެއްވެސް ބޭއްވުމަށްވަނީ ނިންމާފައެވެ.