ކުޅިވަރު

ބާސެލޯނާގެ ކޯޗުކަން ސެޓިއެން އަށް


ސްޕޭނުގެ ބާސެލޯނާގެ ކޯޗުކަން ރެއާލް ބެޓިސްގެ ކޯޗު ސެޓިއެން އަށް ދީފި އެވެ.

ކޯޗުކަމުން އާނެސްޓޯ ވަލްވާޑޭ ވަކިކުރީ މިދިޔަ ދެ ސީޒަނުގެ ޗެމްޕިއަންސް ލީގު ނުލިބުމާއި ސްޕެނިޝް ސުޕަކަޕުން ކެޓުމުން ކުރިމަތިވި ފިއްތުންތަކާހުރެ އެވެ.

އާ ކޯޗު ސެޓިއެން އަކީ ސްޕޭނުގެ ރައްޔިތެކެވެ. އޭނާ ގެނައުމަށް ބާސެލޯނާއިން ޝައުގުވެރިވީ އޭނާ އަކީ ބާސެލޯނާގެ ސްޓައިލަށް ލޯބިކުރާ އެޓޭކިން ސްޓައިލްގެ ކޯޗަކަށްވުމުންނެވެ. ނަމަވެސް އޭނާ އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ނުދޭނެ އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ސެޓިއެން އަށް ދޭނީ މި ސީޒަނުގެ ނިޔަލަށް ޓީމު ގެންގުޅުމަށެވެ. އެއަށްފަހު ޓީމުގެ ކޯޗަކަށް ކުރީގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ނުވަތަ މަޝްހޫރު އެހެން ކޯޗަކު ހޯދުމަށް ބޯޑުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ވަލްވާޑޭ މަގާމުން ވަކިކުރުމުގެ ކުރިން ބާސެލޯނާއިން ވަނީ ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯއާ ވެސް ވާހަކަ ދައްކައިފަ އެވެ. ނަމަވެސް މިވަގުތު ހުސްކޮށްހުރި ކޯޗު ބާސެލޯނާއާ ހަވާލުވީ އެ ޓީމާ ވާދަވެރި އެސްޕަނިޔޯލް އަށް ކޯޗުކޮށްދީފައިވާތީ އެވެ.

ބާސެލޯނާއިން ވަލްވާޑޭ މަގާމުން ވަކިކުރިގޮތް ރަނގަޅު ނޫން ކަމަށް އެކުލަބަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. ފާޑުކިޔާ މީހުން ބުނަނީ މިއީ ކޯޗުންނާމެދު އަމަލުކުރަން އެކަށީގެންވާ ގޮތެއްނޫން ކަމަށެވެ. އެއީ ޓީމާ ހަވާލުވާނެ ކޯޗަކު ހޯދާފައި ނޫނީ އޭނާ މަގާމުން ވަކިކުރުން ބާސެލޯނާއިން އެންމެ ފަހުވަގުތަށް ލަސްކުރުމުންނެވެ. ބާސެލޯނާއިން އެންމެ ފަހުން ކޯޗަކު މަގާމުން ވަކިކުރީ 2003ގަ އެވެ.