ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ 1328 ކެންޑިޑޭޓުންގެ ނަމާއި ކެންޑިޑޭޓް ނަންބަރު އާންމުކޮށްފި


މިމަހުގެ 31 ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ ލިސްޓު އާންމުކޮށްފައި ވީނަމަވެސް ކުދިކުދި މައްސަލަތަކެއް ހުރުން އެކަށީގެންވާކަމަށެވެ. އެމައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި 1328 ކެންޑިޑޭޓުން ވާދަކުރެއެވެ. އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރައްވަނީ ރަށު ކައުންސިލްތަކުގެ އިންތިޚާބްގައިއެވެ. އެ އިންތިޚާބުގައި 1067 ކެންޑިޑޭޓުން ވާދަކުރެއެވެ. އަތޮޅު ކައުންސިލް އިންތިޚާބްގެ ޕްރައިމަރީގައި 53 ކެންޑިޑޭޓޫން ވާދަކުރައްވާއިރު ސިޓީކައުންސިލްތަކުގެ ޕްރައިމަރީގައި 108 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލް ފިޔަވައި އަނެއް 3 ސިޓީކައުންސިލްގެ މޭޔަރުކަމަށް 13 ކެންޑިޑޭޓަކުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައެވެ. ކުޅުދުއްފުށި ސިޓީކައުންސިލް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް އޮންނާނެކަމަށް އެމްޑީޕީން ބުނެއެވެ. ކުޅުއްފުށި ސިޓީގެ މޭޔަރުކަމަށާއި، ސިޓީ ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއިއެކު ލިސްޓަށް ބަދަލު އަންނާނެކަމަށްވެސް އެޕާޓީން ބުނެއެވެ.

ކައުންސިލް އިންތިޚާބްގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އެޕާޓީން އާންމުކޮށްފައިވާއިރު އިންތިޚާބަށް އެޕާޓީންދަނީ ކެންޕެއިން ހަރަކާތްތައް ފަށާފަ. ކައުންސިލް އިންތިޚާބާއި ދިމާކޮށް ތިލަދުންމަތީ ދަތުރުގެ ނަމުގައި އެމްޑީޕީން ކުރަމުންދާ ދަތުރުގައި އެއަތޮޅު ރަށްތަކުގައި ދޮރުންދޮރަށް ހިނގައި ކެންޕެއިން ޖަލްސާތައް ދަނީ ބާއްވަމުންނެެވެ.