ޚަބަރު

ލޮލުގެ ފަރުވާއަށް ޚާއްސަ ޑރ.އެންޑީ ޢަބްދުﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރު ހުޅުވައިފި


ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކޮށްފައިވާ ލޮލުގެ ފަރުވާއަށް ޚާއްސަ ސެންޓަރު ޑރ.އެންޑީ ޢަބްދުލްﷲ ޢަބްދުލްޙަކީމް އޮފްތަލްމޮލޮޖީ ސެންޓަރުގެ ނަމުގައި މިއަދު ހުޅުވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސެންޓަރު ހުޅުއްވައި ދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިޒޯންގެވެ.

ރަސްމިއްޔާތަށްފަހު ރައިސުލްޖުމްހީރއްޔާ އާއި ޗައިނާ އަދި ސަރުކާރުގެ އިސްވެރިން ވަނީ މިސެންޓަރު ބައްލަވައިލައްވާފައެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ޗައިނާގެ ހެލްތު ކޮމިޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ދާއިރާ އިތުރަށް ހަރުދާނާ ކުރުމަށް މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ކުރެވުނު އެންމެ ފުރަތަމަ މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ލޮލުގެ ފަރުވާއަށް ޚާއްސަ ސެންޓަރެއް ތަރައްޤީ ކުރުމެވެ. މިގޮތުން މިސެންޓަރު ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުންވަނީ 5 މިލިއަން ޗައިނީސް ޔުއާން ނުވަތަ 1.1 މިލިއަން ރުފިޔާގެ އެހީ ދީފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ލޮލުގެ ފަރުވާއަކީ މިހާތަނަށް ރާއްޖޭގައި ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ލޮލުގެ ފަރުވާއަށް ޚާއްސަ މަރުކަޒެއް ހުޅުވިގެން ދިޔުމަކީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާންގ ލީޒޯންގ ވިދާޅުވީ ޗައިނާ ސަރުކާރުން އަބަދުވެސް ރާއްޖޭގެ ތަރައްޤީގައި އެހީތެރިވާނެކަމަށާއި މިސެންޓަރަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ހުޅުމާލޭ ލޮލުގެ ފަރުވާގެ ސެންޓަރަކީ ރާއްޖެ އާއި ޗައިނާގެ ހެލްތު ކޮމިޝަނާއި ދެމުނު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ފުރަތަމަ މަސައްކަތްކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ މިއީ ދެޤައުމަށް ގުޅިގެން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ.

ހުޅުމާލޭ ލޮލުގެ ސެންޓަރުގައި މަސައްކަތްކުރައްވާނެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ތަމްރީނުކުރުމުގެ މަސައްކަތް އެ ސެންޓަރާއި ޗައިނާގައި ލޮލުގެ ފަރުވާއަށް އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލް ގުޅިގެން ކުރިއަށޤ ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާއިން ރާއްޖޭގައި ތަރައްޤީކުރި ލޮލުގެ ފަރުވާގެ ސެންޓަރަކީ ހަމައެކަނި ހުޅުމާލޭގައި ސެންޓްރަލްކޮށް ކުރާ ކަމެއްގެ ގޮތުގައި ނުބާއްވައި މުޅި ރާއްޖެއަށްވެސް މިޚިދުމަތް ދިނުމަށް އެކިކަހަލަ ކޭމްޕްތައް ބޭއްވުމާއި ލޮލުގެ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ. ހުޅުމާލޭގައި ޤާއިމުކުރި މިސެންޓަރުން ލޮލުގެ ގިނަ ފަރުވާތަކާއި ސަރޖަރީތައް މިހާރު ހެދޭނެކަމަށް އެސެންޓަރުން ވިދާޅުވެއެވެ.