ޚަބަރު

އިންކާރު ކުރިޔަސް ވެކްސިން ޖަހާނަން - އަމީން


ވެކްސިންގ ޖަހަން އިންކާރުކުރާނަމަ ވެކްސިންގ ޖަހާފައިވާކަން ކަށަވަރުކުރަން ސަރުކާރަށް މަޖުބޫރުވާނެކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރވަނީ ވެކްސިން ނުޖަހާ ފަރާތްތައް އެހެން މީހުންގެ ރައްކާތެރިކަމަށްބަލައި ވެކްސިން ޖެހުން އަވަސްކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި ރާއްޖެއިން ފެންނަމުންދާކަން ރަސްމީކޮށް އިޢުލާން ކުރައްވައި މިނިސްޓަރ ވިދާޅުވީ ކޮންމެ މީހަކީވެސް ހިމަބިއްސަށް ވެކްސިން ޖަހާފައިވާ މީހެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޚިޔާލު ތަފާތުވުމުގެ ސަބަބުން ވެކްސިންގ ޖެހުމާދެކޮޅު ހަދާ މީހުން ރާއްޖޭގައި އެބަތިބިކަމަށެވެ. ވެކްސިންގ ނުޖަހާ މިވަގުތު ތިބި މީހުންގެ ތެރޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުމުގެ ސަބަބުން ވެކްސިން ޖެހުމާ ދެކޮޅުހަދާ މީހުންވެސް ތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ އަމިއްލަ މީހާގެ އިތުރުން މުޅި މުޖުތަމަޢަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާކަމެއްކަން މިނިސްޓަރވަނީ ފާހަގަކޮށްފައެވެ.

"ސިއްޙީ ދީނީ އަދި އިޖްތިމާޢީ ގޮތުން ބެލިއަސް ވެކްސިން ދިނުމަކީ ކުރަންޖެހޭކަމެއް. މިއީ އެންމެގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅެއް. އަމިއްލަ އިސްނެގުމުގައި ވެކްސިން ޑީޒް ހަމަކުރަން އިލްތިމާސްކުރަން. މިކަމަށް އިންކާރުކޮށްފިނަމަ ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރަން ސަރުކާރަށް މަޖުބޫރުވާނެ." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ވިސްނުމުގެ ސަބަބުން ވެކްސިން ނުދީ ސްކޫލަށް ކުދިން ވައްދާ ސްކޫލްތައް ހުރިކަމަށެވެ. އަދި އެފަދަ ބައެއް ތަންތަނުގެ މަޢުލޫމާތު މިހާރުވެސް މިނިސްޓްރީއަށް ލިބިފައިވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރވަނީ ވެކްސިން ޖެހުމާ ނުލައި ކުދިން ސްކޫލަށް ނުފޮނުވުމަށްވެސް އެދިފައެވެ. މީޑިއާގައި މިހާރުވެސްދަނީ އައްޑޫ ސްކޫލަކަށް ވެކްސިން ނުޖަހާ ކުދިން ވައްދަމުން ދާކަމުގެ އަޑުފެތުރެމުންނެވެ.

"އަމިއްލަ މީހުން ހިންގާ ސްކޫލްތައް މިގޮތަށް މިފާހަގަވީ. އައްޑޫ ސްކޫލް ނޫނަސް އިތުރު އެހެން ކޭހެއްވެސް އެބައުޅޭ. ސުކޫލަށް ވަންނައިތު ވެކްސިން ޖަހާފައިވޭތޯ ސްކޫލްތަކުން ކަށަވަރުކުރަންޖެހޭ. ނޫންނަމަ މިކަމުގައި ސްކޫލްތަކުން ޒިންމާ ނަގަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ހިމަބިހީގެ މިއައުޓްބްރޭކްގައި އެންމެފުތަމަ ފާހަގަވެފައިވަނީ 3 އަހަރުގެ ކުއްޖެކެވެ. މިކުއްޖާއަކީވެސް ވެކްސިންގެ އެއް ޑޯޒް ފުރިހަމަ ނުކުރާ ކުއްޖެއްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓްރީންދަނީ ހިމަބިހީގެ ހުރިހާ ކޭސްތަކުގެ ޙާލަތު ދެނެގަނެ އެކަމަށް ފިޔަވަޅު އަޅަމުންނެވެ.