ޚަބަރު

ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް އެދުމުގެ މުއްދަތު 3ވަނަ ފަހަރަށް އިތުރުކޮށްފި


ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް އެދުމުގެ މުއްދަތު 3ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ޕީޕީއެމުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ ޓިކެޓަށް އެދުމުގެ މުއްދަތު މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އެޕާޓީން މީގެ ކުރިން ވަނީ 2 ފަހަރެއްގެ މަތީން ކައުންސިލް އިންތިޚާބްގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފައެވެ. އެގޮތުން މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށާއި، 13ވަނަ ދުވަހުގެ ނިޔަލަށްވެސް މުއްދަތުވަނީ ކަނޑައަޅާފައެވެ. ޕީޕީއެމްއިން މިއަދު ބުނެފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލް އިންތިޚާބްގައި ވާދަކުރުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 24ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރަށްކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ބާއްވާ ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައެެވެ. އަދި އެޕާޓީން ގެންދަނީ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕެއިންވެސް ކުރަމުންނެވެ.

އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންވެސް ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ. ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްޙޫރީ ޕާޓީންވެސް ވަނީ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައެވެ.

ކައުންސިލް އިންތިޚާބްގައި ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުއެވެ. ކައުންސިލް އިންތިޚާބް ބޭއްވުމަށް ހަމެޖެހިފައިވަނީ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުއެވެ.