ގޯތި ދޫކުރުމުގެ އާ އުޞޫލު އެކުލަވާލުމަށް ފަހު ބ.އޭދަފުށިން ގޯތި ދޫކުރަން ފޯމް ދޫކުރަން ފަށައިފިއެވެ
ގޯއްޗަށް އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ. ފޯމް ދޫކުރުމާބެހޭ ތަފްޞީލް ކައުންސިލް އޮފީހުން މިހާރު ވަނީ ޢާއްމު ކޮށްފައެވެ. އަދި އާ އުޞުލުގެ ދަށުން ފޯމް ދޫކުރާނެ ގޮތުގެ ތަފްޞީލް ވެސްވަނީ އެކައުންސިލުން ހާމަ ކޮށްފައެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅޭނީ 600 ފޫޓަށްވުރެ ބޮޑު ގޯއްޗެއްވިޔަސް އަދި ގޯއްޗަކުން ބައެއްވިޔަސް އެމީހެއްގެ މައްޗައް ރަޖިސްޓްރީ ވެފައި ނެތް، އަދި ސަރުކާރުން ހަދާފައިވާ ރޯ ހައުސް އެއް ނުވަތަ ފްލެޓެއްވެސް އެމީހެއްގެ މައްޗައް ރަޖިސްޓްރީ ވެފައި ނެތް ފަރާތްތަކަށް ކަމަށް މިކަމަށް ހަދާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ކައުންސިލް ރައީސް ޠަލާލް ޢަބްދުއްރަޙްމާން ވިދާޅުވީ ގޯތި ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވީ ގޯތީ ދޫކުރުމުގެ ކަންތައްތައް ވިލަރެސް ކުރަން އެކުލަވާލާފައިވާ ކޮމެޓީން އެކުލަވާލަންޖެހުނު އުޞޫލްތައް އެކުލަވާލުމުގެ މަސައްކަތް ލަސްވުމުން ކަމުގައެވެ. މިއީ 11 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކޮމެޓިއެކެވެ..
އޭދަފުށީ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ގޯތި ބޭނުންވާ 400 ވުރެ ގިނަ ޢައިލާ އޭދަފުށީގައި ތިބިކަމަށް ހިސާބު ތަކުން ދައްކައެވެ. އޭދަފުށިން ދޫކުރުމަށް ނިންމާފައިވަނީ 1400 އަކަފޫޓްގެ 158 ގޯއްޗެވެ. މިގޯތިތައް ދޫކުރުމަށް ކަނޑައަޅާފައިވަނީ އޭދަފުށީގެ ބިމަށް އިތުރު ކުރެވުނު ބިމުގެ އިރުމަތީ ފަރާތުން ޓާފް ދަނޑާ އިންވެގެންނެވެ.
3600 އަށްވުރެ އިތުރު އާބާދީ އެއް އޮންނަ އޭދަފުށިން މީގެ ކުރިން ވަނީ 659 ގޯތި ދޫކޮށްފައެވެ. އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުން ވާ އެތަކެއް ޢާއިލާތަކެއް ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ގޯތި ދޫކުރުމަށް މިދިޔައަހަރު އިޢުލާން ކުރުމަށްފަހު އެކަން މަޑުޖައްސާލަން ހައުސިން މިނިސްޓްރީން އެންގީ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު" ގައި ބަންޑާރަ ގޯތި ދޫކުރަން، ކުރެވޭ އިޢުލާނުގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތަކުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށް ބުނެއެވެ.