ޚަބަރު

މިނިވަން 50ގެ ރަސްމީ ދަރުބާރަށް އުސްފަސްގަނޑު ތައްޔާރު ކުރަނީ


މިނިވަން ފަންސާހާ ގުޅިގެން ރައީސުލްޖޫމްހޫރިއްޔާ ބާއްވަވާ ޚާއްސަ ރަސްމީ ދަރުބާރު އުސްފަސްގަނޑުގައި ބާއްވަން ނިންމައި، އެކަމަށްޓަކައި އެތަން ތައްޔާރު ކުރަން ފަށައިފިއެވެ.ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ރަސްމީ ދަރުބާރު، އުސްފަސްގަނޑުގައި ބާއްވަން ނިންމީ، ތަފާތު ގޮތަކަށް މިނިވަންދުވަހުގެ ރަސްމީ ދަރުބާރު ބޭއްވުމުގެ މަގްސަދުގައި ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ބަޔަކަށް ރައީސުލްޖުމްހޫރިއްޔާއާއި އެއްތަނަކުން ބައްދަލުކޮށްލެއްވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ތަޒްމީލް ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތަށް ދައުވަތު އެރުވިގެން ރާއްޖެއަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނާވެސް، އާންމުންނަށް ބައްދަލުކޮށްލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ތަޒްމީލް ވިދާޅުވިއެވެ.މީގެ އިތުރުން އުސްފަސްގަނޑުގައި، ކުރިއަށްދާ ރަސްމީ ދަރުބާރާއެކު، ދަރުބާރުގޭގައިވެސް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް ދަރުބާރުގޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ.މިނިވަން ފަންސާހުގެ ރަސްމީ ދަރުބާރަށް އުސްފަސްގަނޑު ތައްޔާރުކުރަމުންދާއިރު މި ދަރުބާރުގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިން އުސްފަސްގަނޑަށް ދިޔުމަށްޓަކައި މާލެއަށް ފައިބާވަޑައިގަތުމަށް ޚާއްސަ ފާލަމެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ޚާއްސަ ފާލަން ތައްޔާރު ކުރުމަށް ހަމަޖެހިފައިވަނީ، މާލޭ ޖަލު ކުރިމަތިންނެވެ.މިނިވަންދުވަހުގެ ރަސްމީ ދަރުބާރު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެރޭގައެވެ.