ވިޔަފާރި

ހޯރަފުށީ އެއަރޕޯޓުގެ ޓާމިނަލާއި ފަޔަރ ސްޓޭޝަންގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި


ހއ. ހޯރަފުށީގައި ގާއިމުކުރާ އެއާޕޯޓުގެ ޓާމިނަލާއި، ފަޔަރ ސްޓޭޝަން ޢިމާރާތުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީ ބުނީ ރީޖަނަލް އެއާޕޯޓްްސްގެ އެދުމުގެ މަތިން ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އާއި ފަޔާ ބިލްޑިން އިމާރަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ އިޢުލާންގައިވާ ގޮތުން އެމަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި ފައިސާ ބަލައިގަތުން ކުރިޔަށްދަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ފިނޭންސްއިން ބުނެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 75000 ރުފިޔާ ދައްކަންޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން ބޮޑު ސަރަޙައްދެއް ވަނީ ހިއްކާފައެވެ. އެމަސައްކަތް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އާ އަހަރާއި ދިމާކޮށް އެރަށުގެ އެއަރޕޯޓް އެޅުމަށް ހިއްކި ސަރަޙައްދުގެ ހޭޅިފަށް ހިމެނޭހެން ވަނީ އެއްލައްކަ ގަސް އިންދުމަށް އަމާޒުކޮށްގެން ގަސްއިންދުމުގެ ހަރަކާތެއްވެސް ހިންގާފައެވެ.