ކުޅިވަރު

ލިވަޕޫލް ލީޑް ފުޅާކޮށް ރެކޯޑެއް


ޓޮޓެންހަމް 1-0އިން ބަލިކޮށް އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލުން 16 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.

މި މެޗުގައި ޓޮޓެންހަމްއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އެވެ.

މެޗަށް ފަހު ކޯޗު ޔާގެން ކްލޮޕް ވަނީ ބްރެޒިލްގެ ގައުމީ ކީޕަރަކަށް ތައުރީފްކޮށްފަ އެވެ. މި މެޗުން މޮޅުވުމުން ލިވަޕޫލްވެފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގައި މިހާތަނަށް އެންމެ ރަނގަޅު ފެށުމެއް ހޯދި ޓީމަށެވެ. ފާއިތުވެދިޔަ 38 ޕްރެމިއާ ލީގު މެޗުގެ ތެރެއިން އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ނަމަވެސް ކޯޗު ކްލޮޕް މިކަމާ ފަރުވާލެއްނެތެވެ.

"ރެކޯޑްތަކަކީ ވަރަށް ހާއްސަ އެއްޗެއް. އަދި ވަރަށް ބޮޑު އުފަލެއް ވެސް ލިބޭ ކަމެއް. އެކަމަކު އަހަރެން މިކަމާ ފަރުވާލެއްނެތް. އަހަރެންނަށް މިރެކޯޑްތަކުގެ އުފަލެއް އިހުސާސެއްނުވޭ،" ކްލޮޕް ބުންޏެވެ. އޭނާ ބުނީ ލިވަޕޫލް ބޮޑު ލީޑެއްގައި އޮތް ނަމަވެސް ބާކީ ހުރި މެޗުތައް ފަސޭހަ ނުކުރާނެ ކަމަށެވެ. "ސަބަބަކީ އަހަރުމެންގެ ވާދަވެރިން ވަރުގަދަވުން. ޕެޕް (މެންޗެސްޓާ ސިޓީގެ ކޯޗު) އަދިވެސް ދުލެއް ނުދޭނެ. އަހަރެން ވެސް ކަންކުރާނީ އެގޮތަށް،" ކްލޮޕް ބުންޏެވެ.